އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި މާލެ ސިޓީ ހިންގުމަށް އެއްވެސް ހުރަހެއް ނާޅާނެކަމުގެ އުންމީދު އެބައޮތް ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔާރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ރޭ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ޑރ.މުއިއްޒު ބޭއްވި ރަސްމިއްޔާތުގައި ނަރީޝް ވިދާޅުވީ ކައުންސިލް ހިންގެވުމުގައި މިދިޔަ ދެ އަހަރެއްހާ ދުވަހު ދިމާވި ދަތިތައް ޑރ.މުއިއްޒުގެ ޒައާމަތުގައި އެއްކޮށް ނައްތާލައްވާނެކަަމައް އުއްމީދު ކުރައްވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް މާލެއަށް އެންމެން އެދޭނެ ތަރައްގީއެއް ގެނެސްދޭނެ ފަރާތަކީ ޑރ. މުއިއްޒު ކަން ފާހަގަކުރައްވަމުން ނަރީޝް ވިދާޅުވީ އެ މަނިކުފާނުގެ މޭޔަރުކަމުގައި މާލެ ސިޓިއަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މި ގޮތުން އިސްތިރާޖީ އެކްޝަން ޕްލޭންގެ 90 ޕަސެންޓް ފުރިހަމަވެފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭ ސިޓީ ތަރައްގީ ކުރުމަށް މިދިޔަ ދެ އަހަރު ތެރޭ ސަރުކާރުގެ ފަރާތުން އެއްވެސް ވަރަކަށް ލިބެންޖެހޭ އެއްބާރުލުމެއް ލިބިފައިނުވާކަމަށް ނަރީޝް ވިދާޅުވިއެވެ.