ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަނުކުރައްވާނެކަމަށް، މާލޭ ސިޓީ ކައުންސިލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
މިރޭ ނަރީޝް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީ އުތުރު ދައިރާއަށް ވާދަކުރަން ނިންމީ ރައްޔިތުންގެ މަޖިލީގެ ތެރެއިން ހިދުމަތެއްކޮށް ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށް ސަރުކާރާއި ގުޅިގެން ދާއިރާއަަށް ތަރައްގީ ހޯދައިދިނުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ.
މި މަސައްކަތުގައި ކުލުދުއްފުށީ ރޫޙު އޮތީ ވަރަށް ބޮޑަށް ވަތަނީކޮށް ރަށުދަރިއެއް ރަށަށް އިންތިހާބުކުރުމުގެ ރޫހުގައިކަމަށް ނަރީޝް ވިދާޅުވިއެވެ. އެހެންކަމުން ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އިހްތިރާމްކޮށް ރައްޔިތުންގެ މަޖިލީސް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލީސް ޕްރައިމަރީގައި ވާދަނުކުރަން ނިންމާފައިވާކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނަރީޝް ވަނީ ކުޅުދުއްފުށީ އުތުރަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކަމުވޮށިގެންވާ ބޭފުޅުންނާއި އިސްރަށްވެހިންނާ އަދި ކަނބަލުންނާއި ޒުވާނުންގެ ތާއީދުއޮތްކަން ހާމަކުރަމުން ގެންދެވި އަދި ޓީމެއްގެ ގޮތުގައި ތާއީދު ހޯއްދައި ދިނުމަށް މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަރިސްކޮށްފައެވެ.