English Edition
Dhivehi Edition
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއަކީ ރައްޔިތުންގެ އަޑު އައްސަވައި ތައްޔާރުކޮށްފައިވާ މެނިފެސްޓޯއެއްކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ މެދު ހެންވޭރު ދައިރާގައި ވެރިކަން ކުރާ ޕީއެންސީން ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކުރިއަށް މިއޮތް މަޖިލީސް އިންތިހާބަކީ ސަރުކާރަށް ވަރަށްވެސް މުހިންމު އިންތިހާބަކަށް ވެގެންދާނެކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ހެޔޮ ނިޔަތަކާއެކުކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ މެނިފެސްޓޯގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ސަރުކާރަށް ވަރަށް މުހިންމު ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެ މެނިފެސްޓޯގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު މަޝްރޫތައް ހިމެނޭކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެ ސިޔާސަތުތައް ތަންފީޒްކޮށް ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް މުހިންމުކަމަށް ވިދާޅުވެފައެވެ.

ނައިބް ރައީސް ވިދަޅުވީ އެމްޑީޕީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުން ރައްޔިތުން ހުށަހެޅުއްވި ކަންކަން ރައްޔިތުންނާއި ހަމައަށް އެސަރުކާރަށް ގެނެސްދެވުނީ ކިހާވަރަކަށްތޯ ރައްޔިތުން އަމިއްލަ ނަފްސާއި ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. ބޮޑު މެޖޯރިޓީއެއް ލިބުނީމަ އެ މެޖޯރިޓީ ހެޔޮގޮތުގައި ރައްޔިތުންނަށްޓަކައި، ބިމުން މައްޗަށް އުފުލާލެވުނު ފްލެޓެއް ނެތްކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. ހައުސިން ޕްރޮޖެކްޓެއް ވެސް އެމްޑީޕީ ސަރުކާރަށް ނުނިންމުނުކަމަށް ވިދާޅުވިއެވެ. ރަށްރަށުގެ ބިންހިއްކުން ފަދަ މަޝްރޫއު ތައްވެސް ނުހިންގުނުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.