English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: އަވަސް

ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް, ލިބޭ އާމްދަނީއަށްވުރެ ސަރުކާރުން ކުރާ ހަރަދު ބޮޑުވެއްޖެ ކަމަށް ފިނޭސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 6.86 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިމުއްދަތުގައި ސަރުކާރުން ވަނީ 7.03 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މުސާރަ އަށެވެ. މުސާރައަށް 2.19 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި މުސާރަތަކަށް ކުރި ހަރަދަށް ވުރެ 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ސަރުކާރުން މިމުއްދަތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ޖުމްލަ 5.66 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ސަރުކާރުން ރިކަރަންޓް ހަރަދަށް ކުރި އަދަދަށް ވުރެ މިސަރުކާރުން މިމުއްދަތުގައި ރިކަރަންޓް ހަރަދަށް ކުރި އަދަދު ވަނީ 300 މިލިއަން ރުފިޔާ ކުޑަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.