English Edition
Dhivehi Edition

ސަޢުދީ ޢަރަބިއްޔާގެ ރިޔާދުގައި ހުންނަ އަލް ޔަމަމާ ރޯޔަލް ޕެލަސް އަށް އަމާޒުކޮށް، ހޫތީން ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކުށެއްނެތް އާއްމު ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ވައްޓާލައި، އިމާރާތްތަކާއި ވަސީލަތްތަކަށް އިޢާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ދިން މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ޓެރަރިޒަމްގެ މިފިނޑި ޢަމަލު، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަޢޫދީ ސަރުކާރަށާއި، ރައްޔިތުންނަށް ޙަމްދަރުދީ ފާޅުކުރައްވާ، ދުނިޔޭގައި ޞުލްޙަމަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމަށްޓަކައި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނަށް ދުޅަހެއު ޞިއްޙަތަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.