English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމްޕީ.އާރ.ސީ) ރިސްޓްރަކްޗަރ ކޮށް، މާކެޓިންގަށް ކުރާ އިންވެސްޓްމެންޓް މިހާރަށްވުރެ ތިންގުނަ އިތުރުކޮށް، މިހާރު ސަރުކާރުން ގެންގުޅެމުންދާ ޒަމާންވީ އެސް.އޯ.އީ މޮޑެލް މުޅިން ބަދަލުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ކުރިންވެސް ގޮވާލަމުންއައި ގޮވާލުން އިތުރަށް އަޑުގަދަކޮށް، މިކަމަށް އަވަސްވެގަތުމަށް މަޓާޓޯއިން އިލްސިމާސްކޮށްފިއެވެ.

މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުން ޖީޑީޕީ 12 ބިލިއަން ޔޫއެސް ޑޮލަރަށް ވާސިލްކުރުމަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި، އަދި ދިވެހިރާއްޖޭގެ ޢިޤްތިޞާދު ފަތުރުވެރިކަމުގެ ސިނާޢަތަށް މިހާބޮޑަށް ބަރޯސާވެފައިވާއިރު، ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް އިތުރު އަހައްމިއްޔަތެއް ދިނުމަކީ ދެމެހެއްޓެނިވިކޮށް މިސިނާޢަތް ފުޅާކޮށް ދިވެހިރާއްޖޭގެ ޢިޤްތިޞާދު ކުރިއަރުވައި އަދި ޢިޤްތިޞާދީ ހަމަޖެހުން ޤާއިމްކުރުމަށް ވަރަށް މުޙިއްމު ކަމެއްކަމަށެވެ.

މަޓާޓޯއިން ބުނީ 2017 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، “އިމްޕޯޓަންސް އޮފް ޑެސްޓިނޭޝަން މާކެޓިންގް” ގެނަމުގައި ނެރެފައިވާ ޚާއްސަ ރިޕޯރޓްގައި ވެސް އަލިއަޅުވާފައިވާނޭފަދައިން، ވޭތުވެ ދިޔަ އަހަރުތަކުގައިވެސް މަންޒިލް މާކެޓްކުރުން އެއީ އެހެން ހުރިހާކަމަކަށްވުރެ މުހިއްމުކަމެއްކަމުގައި މަޓާޓޯއިން ވާނީ ތަކުރާރުކޮށް ގޮވާލާފައި ކަމަށެވެ.

“ރާއްޖެއާއި ވާދަކުރަމުން އަންނަ ބައެއް ޤައުމުތައް ކަމުގައިވާ، ސްރީލަންކާ، މޮރިޝަސް އަދި ސީޝެލްސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް ގިނަގުނަ ތަފްސީލީ ހޯދުން ތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މިރިޕޯޓުގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިންނަށް ސަލާމަތްތެރި “ހޭވަން”އެއް ގޮތުގައި އިޝްތިހާރުކުރުން އިތުރަށް ފުޅާކުރުމުން ލިބޭނެ ގިނަ ގުނަ ފައިދާތައް ތަފްޞީލްކޮށް ބަޔާންކޮށްދީފައިވާނެ. މިރިޕޯޓުއެކުލަވާލާފައިވަނީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުން ކަމުގައިވާ، ސީއެންއެން އިންޓަރނޭޝަނަލް، ޓީޓީޖީ އޭޝިއާ އަދި ޕާޓާ އާއި މަޓާޓޯއިން ބޭއްވި މޯލްޑިވްސްް ޓްރެވަލް ކޮންފަރަންސްގައި ކުރެވުނު ބަހުސްތަކުގެ އަލީގައި” އެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ޒަރިއްޔާއިން ދިވެހި ސަރުކާރުން މަންޒިލް މާކެޓް ކުރުމަށްޓަކައި ހޭދަކޮށްފައިވަނީ ބޮލެއްގެ މައްޗަށް އެންމެ ހަތަރު ޔޫއެސް ޑޮލަރުކަން މަޓާޓޯއިން ބެލިބެލުމުން އިނގޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

“އެހެންނަމަވެސް ދިވެހި ދައުލަތަށް، ރިޓާން އޮން އިންވެސްޓްމަންޓް (އާރ.އޯ.އައި)ގެ ގޮތުގައި ސީދާ އަދި ނުސީދާގޮތުން ފަތުރުވެރިކަމާއިި ގުޅިފައިވާ ޓެކްސް އާއި ފައިދާއަށްބަލާއިރު، ބޮލަކަށް 600 ޔޫއެސް ޑޮލަރު ވަދެފައިވާ ކަމަށް އަންދާޒާކުރެވޭ. ޔަޢުނީ، 12،000 ޕަސަންޓުގެ އާރ.އޯ.އައި ރާއްޖެއަށް ލިބިފައިވޭ. މަޓާޓޯން ބުނެއެވެ.

ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ޤައުމު އިންތިހާއަށް ބަރޯސާވެފައިވީއިރު، ފަތުރުވެރިކަން މާކެޓްކުރުމަށް ފަރުވާ ކުޑަކޮށްފި ނަމަ މާލީގޮތުން ކޮށްފާނެ ނޭދެވޭ އަސަރުތައްކޮށް ދައުލަތުގެ އިކޮނަމީއަށް ލޮޅުންއެރުން ގާތްކަމަށްވެސް ބަޔާނުގައިވެއެވެ.

” ފަތުރުވެރިކަމުން ލިބޭއާމްދަނީއަށް ޤައުމު އިންތިހާއަށް ބަރޯސާވެފައިވީއިރު، ފަތުރުވެރިކަން މާކެޓްކުރުމަށް ފަރުވާވާކުޑަކޮށްފިނަމަ މާލީގޮތުން ކޮށްފާނެ ނޭދެނިވި އަސަރުތައްކޮށް ދައުލަތުގެ އިކޮނަމީއަށް ލޮޅުންއަރައި، ރައްޔިތުންގެ ޢާއްމު ދިރިއުޅުމަށް ހިިތި އަސަރުކުރުން އެއީވުން ގާތްކަމެއް. މިކަމުގެ ހެއްކަކީ 2020 ވަނައަަހަރު ދިމާވި ޕެންޑަމިކްގެ ސަބަބުން ފަތުރުވެރިކަން އެންމެ ތިންމަހަށް މެދުކެނޑުމުން ބޭރުފައިސާ ލިބުމުގެ ދަތިކަމާއި، ކާބޯތަކެތި އެތެރެކުރުމާއި، ސަރުކާރުން ތެޔޮ ބިލްތަކަށްފައިސާ ދެއްކުމަށް ދިމާވި ގޮންޖެހުންތަކާއި ޤައުމަށް ދިމާވި ބިރުވެރި ޙާލަތު” މަޓާޓޯއިން ބުނެއެވެ.

މަޓާޓޯއިން މަންޒިލް މާކެޓް ކުރަން މެދުކެނޑުމެއްނެތި ގޮވަމުން އަންނަ ޙާލަތުގައި އެމް.އެމް.ޕީ.އާރ.ސީ އިން އަމިއްލަ ފުދުންތެރިކަމަށް މަސައްކަތްކުރަން މިސްރާބު ބަދަލުކުރުމަށް މަޝްވަރާކުރަމުންދާތީ އިންޑަސްޓްރީގެ ގިނަބަޔެއްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން މަޓާޓޯއިން މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް ފައިނޭންސް އާއި ގުޅިގެން މިކަންބޮޑުވުންތަކަށް އަވަސް ޙައްލެއްހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށްވަނީ ބުނެފައެވެ.

ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޢާންމު އަދި އަމިއްލަ ސެކްޓަރުން ކޮށްފައިވާ މަސައްކަތް ނުހަނު ގިނަކަމަށް މަޓާޓޯއިން ޤަބޫލްކުރެއެވެ. ވަކިން ޚާއްސަކޮށް ޕެންޑަމިކްގެ ތެރޭގައި ލިބުނު އެއްބާރުލުން އިތުރަށް ފާހަގަ ކޮށް، މިއަދު ފެންނަމުންދާ ނަތީޖާއަކީ ވޭތުވެ ދިޔަ 3 އަހަރުގެ ބުރަ މަސައްކަތާއި ހޭދައިގެ ފޮނި ނަތީޖާކަމަށް ބަޔާންކޮށްފައިވެއެވެ. ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މަޓާޓޯއިން ދެކޭގޮތުގައި އަމިއްލަ ވިޔަފާރިވެރިން ކޮށްފައިވާ ހޭދައާއި އަޅުވާބަލާއިރު ދައުލަތުން ކޮށްފައިވާ ހޭދަ 10 ޕަސަންޓް އަށްވުރެ ދަށެވެ.

މީގެ އިތުރުން މަޓާޓޯއިން ފާހަގަ ކުރާ އަނެއްކަމަކީ، މިވަގުތު އެމް.އެމް.ޕީ.އާރ.ސީގެ ބޯރޑްގައި އިންޑަސްޓްރީ ތަމްސީލްކުރާ މަންދޫބުން މަދުކަމާއި ބޯޑު މެމްބަރުންގެ އިންޑަސްޓްރީގެ ތަޖުރިބާ މަދުކަމެވެ. މީގެއިތުރުން ޓްރެވަލް އެޖެންޓުން، ގެސްޓްހައުސް އަދި ލިވްއަބޯރޑްތަކުން ފެއަރތަކުގައި ބައިވެރިވާން ނަގާފީ ބޮޑުކުރަން މަޝްވަރާކުރާތީ ކަންބޮޑުވުން ފާޅުކުރާކަމެވެ. ފަތުރުވެރިކަމުގެ މުޙިއްމުކަން ބަލައިގަންނަ، އަދި މި ސިނާޢަތުގެ ކުރިއެރުމާއި ހަމަޖެހުމަށް ހުރަސްނޭޅޭނެ ފަދަ މާލީ ޢުސޫލުތަކެއް ޤާއިމްކުރުމަށް މަޓާޓޯއިން ފާހަގަކުރެއެވެ.

އެހެންކަމުން، މަޓާޓޯއިން ގޮވާލަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހޯދަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށްޓަކައި، ޙާއްސަކޮށް އެހެން ޤައުމުތަކުގެ ވާދަވެރިކަމަށް ބަލައި،އިޝްތިހާރުކުރުމަށް އިތުރު އަހައްމިޔަތެއްދީގެން މިހާރު ޑެސްޓިނޭޝް މާކެޓިންގްއަށް ކުރަމުން އަންނަ ޚަރަދު ތިންގުނައަށް އިތުރުކުރުމަށެވެ. ލޯ ސީޒަނަށް ދިމާކޮށް “ސަމަރ ކެމްޕެއިން” ފަދަ “ޓާރގެޓެޑް ކެމްޕެއިން”އަށް ސަމާލުކަންދީގެން ކުރިއަށްގެންދިއުމަށެވެ. އަދި މީގެ އިތުރުން ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ޗުއްޓީގައި ދިގު މުއްދަތު ހޭދަކުރާ ފަރާތްތަކަށް ސަމާލުކަންދީގެން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ އެވެރެޖް މުއްދަތު އިތުރުކުރުމުގެ މުހިއްމުކަމަށްވެސް މަޓާޓޯ އިން އަލިއަޅުވާލިއެވެ.

މަޓާޓޯއިން ބަޔާންކުރާގޮތުގައި މިކަންކަން ޙާޞިލްކުރުމަށްޓަކައި މިހާރަށްވުރެ ރަނގަޅު މާކެޓިންގ އުކުޅުތައްބޭނުންކުރުމާއި، ހޯދާ ޑޭޓާގެ އަލީގައި އެކުލަވާލާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން މުޙިއްމެވެ.