ދިވެހިރާއްޖޭގެ މަސްވެރިންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ‘ރަސްއައިން’ މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ.
‘ރަސްއައިން’ މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހުރިއްޔާ އަދި ދިވެހިރާއްޖޭގެ ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި އެޕް ލޯންޗުކުރުމަށްފަހު ނެރުނު ރިޕޯތުގައި ބުނެފައިވަނީ ރަސްއައިންގެ ނަމުގައި އަލަށް ތަޢާރަފްކުރާ މި މޯބައިލް އެޕް ވެގެންދާނީ ރާއްޖޭގެ މަސްވެރިންނަށާއި ކަނޑުދަތުކުރު ކުރާ އުޅަނދުފަރަށާއި މި ކަނޑުން ނަފާ ހޯދަމުންދާ އެކި އެކި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްރިވަމުންދާ ފަރާތްތަަކަށް ޓެކްނޮލޮޖީގެ މަންސަތަކުގައި ބޭނުން ހިފޭނެ މުހިއްމު އެޕަކަށްކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ގައުމީ ދިފާއީ ބާރުގެ ކޯސްޓް ގާޑުން ކުރާ މަސައްކަތުގައި މަސްވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ހޯދޭނެ ފަސޭހަ މަގަކަށް މި އެޕްވާނެކަމަށާއި އެންރޮއިޑް އަދި އައިއޯއެސްއަށް ފަރުމާކޮށްގެން ވުޖޫދުކުރާ މި އެޕްގެ ސަބަބުން މަސްވެރިންނަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ލިބިގެން ދާނެކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާގޮތުން މި އެޕްގައި ދިވެހިރާއްޖޭގެ މެޕާއެކު މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސްއިން ނެރޭ މޫސުމީ އިންޒާރު ފަދަ މުހިއްމު މައުލޫމާތުތައް ހިމަނާފައިވާއިރު މީގެ ސަބަބުން ކަނޑުމައްޗަށް ނުކުންނަ ފަރާތްތަކަށް މޫސުމީ އިންޒާރުތަކުގެ މައުލޫމާތު ފަސޭހައިން ލިބި ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އިތުރު އެހީއަކަށް ވާނެއެވެ.
އަދި މި އެޕްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ރާއްޖޭގެ މަގްބޫލު ޑައިވް ސައިޓުތަކަށް ޒިޔާރާތްކުރާ ފަރާތްތަކަށާއި މީހުންނާއި މުދާ އުފުލުމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރަށްވެސް ފަސޭހަތަކެއް ލިބިގެން ދާނެކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޮތުގައި އިތުރަށް ބުނެފައިވަނީ މި އެޕްގައި މަސްކަނދުފަތިތައް އަޅާފައިވާ ސަރަހައްދުތަކާއި އެހެނިހެން ވަސީލަތްތަކުން އެއްކުރާ މަސް ހުންނަ ތަންތަނުގެ މައުލޫމާތާއި ރާއްޖޭގެ ކަނޑުތަކުގެ ދިޔަވަރާއި އޮއިވަރުގެ މައުލޫމާތު ފެންނަން ހުރުމުން މަސްވެރިންނަށް މަސްވެރިންކަން ރަނގަޅު ސަރަހައްދު ކަނޑައެޅުމުގަ އާއި މަސްއައިން ހޯދުމުގައި ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދޭނެކަމަށާއި މި އެޕްގެ ތިންވަނަ ޓެބް މުއާސަލާތީ ހަބެއްގެ ގޮތުގައި ހާއްސަކުރެވިފައިވާއިރު އުޅަނދުފަހަރުން ފޮނުވާ މެސެޖުތަކާއި ކުއްލި ހާލަތުގައި ފޮނުވާ ޑިސްޓްރޭސް ކޯސްޓްގާޑުގެ ޕުޝް މެސެޖުތައްވެސް މި ޓެބްގައި ފެންނަމުންދާނެ ކަމަށެވެ.
މީގެއިތުރުން ރަސްއައިން އެޕް ވެގެންދާނީ ރާއްޖޭގެ ކަނޑުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށާއި މަސްވެރިކަމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދިެވހި މަސްކަނޑުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ގައުމީ ދިފާއީ ބާރާއި ދިވެހި މަސްވެރިން ގުޅިގެންގެން ކުރާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށްކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި މިއީ ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށްޓަކައި މެރިޓައިމް ޑޮމެއިން އެވަޔަނަސް އިތުރުކުރެވޭ މުހިއްމު ވަސީލަތަކަށް ވާނެކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.