English Edition
Dhivehi Edition
އެމްޑީޕީގެ ޖަލްސާއެއްގައި އަލީނިޒާރު ވާހަކަ ދައްކަވަނީ

އައްޑޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު ކަންބޮޑުވާ މިންވަރަށް ގޯސްވެފައިވާކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މި ރޯދަމަހުގެ ފުރަތަމަ 8 ދުވަހު އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑޭނެކަމަށް ބުނެ ފެނަކައިން ގޭބިސީތަކަށް އެންގުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު ވަނީ ކަންބޮޑުވާ މިންވަރަށް ނިކަމެތިވެ، މަރާމާތާއި އަޕްގުރޭޑިން އަށް ބޭނުންވެފައި ކަމަށެވެ. އަދި ރަށުތެރެއަށް ނަޖިސް ބޭރުވަމުންދާ ކަމަށާއި 2 ގަޑިއިރަށް ބޭނުން ކުރެވޭ މިންވަރަށް ވެސް ފެނުގެ ރިޒާވް ނެތް ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ.

ކަރަންޓް ދިނުން މިހާރުވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އެ ހިދުމަތްތަކަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތެއްކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އެއީ ފެނަކައާ އަޅުވައި ދޫކުރެވިދާނެ ކަމެއްނޫން ކަމަށެވެ. މީގެ އިތުރުން ނިޒާރު ވިދާލުވީ މިކަމަކީ ވިޔަފާރި އުސޫލުން ދެވެންޖެހޭނެ ހިދުމަތެއްވެސް ނޫން ކަމަށާއި މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އައްޑޫގެ ރައްޔިތުން ކާރިސާ ގެ ހާލަތުގައި ދިގުމުއްދަތަކަށް ތިބެންޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.