English Edition
Dhivehi Edition
މީދޫގައި ބޭއްވި "އެޖެންޑާ-19 " ޖަލްސާގައި މެމްބަރު ނިޒާރު ވާހަކަ ދައްކަވަނީ- ފައިލް ފޮޓޯ ލުބްނާ އޭއޯ ނިއުސް

ޒަމާންވީ އާއިލީ ބާރާއި ކަސްތޮޅުގެ ސަގާފަތުން މިނިވަންވެފައިވާ ފުރަތަމަ ސިޔާސީ ފިކުރަކަށް އެމްޑީޕީ މިއަދު ވެފައިވާކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހާ ގުޅިގެން ނިޒާރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްޑީޕީގެ މުސްތަގްބަލް ފެންނަނީ ކުރިއަށްވުރެ އުޖާލާކޮށް ކަމަށެވެ. “އެމް.ޑީ.ޕީ ގެ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ލޮބުވެތި މެމްބަރުންނަށް އަރިސްކުރަން. ޒަމާންވީ އާއިލީ ބާރާއި ކަސްތޮޅުގެ ސަގާފަތުން މިނިވަންވެފައިވާ ފުރަތަމަ ސިޔާސީ ފިކުރަކަށް އެމް.ޑީ.ޕީ ހަދާލެވިފައި ވުމާއި އެކު ޕާޓީގެ މުސްތަގްބަލް ފެންނަނީ ކުރިއަށްވުރެ އުޖާލާކޮށް.” ނިޒާރު ކުރެއްވި ޓުވިޓްގައި ވިދާޅުވިއެވެ.

އެމްޑީޕީއަށް 18 އަހަރު ފުރިފައި މިވަނީ އެމްޑީޕީގެ އެތެރޭގެ މައްސަލަ ބޮޑުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީ އުފެއްދުމާ އިސްލާހީ މަސައްކަތުގައި އިސްކޮށް އުޅުއްވި ރައީސް ނަޝީދު އެ ޕާޓީން ވަކިވެފައިވާއިރު މިހާރު އެ މަނިކުފާނު ގެންދަވަނީ ދަ ޑޮމޮކްރެޓްސް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. އަދި އެ ޕާޓީ އާއި އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތްކުރުމުގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ.