އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭ ވަރަށް ބޮޑު ހޭދައެއް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އައްޑޫ މަގުތައް ހަދާ ނިމޭއިރު ރަނގަޅު ފެންވަރަކަށް އަދި ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް މަގުތައް ނިންމުމަކީ އައްޑޫ ރައްޔިތުންނާއި ސަރުކާރުން ވެސް އެދޭ ގޮތް ކަމަށެވެ.
އެހެންނަމަވެސް މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް އެކަންކުރާނަމަ ރައްޔިތުންގެ އުއްމީދުގައި ކުލަ ޖެހިގެން ނުދާނެ ކަމަށާއި މަގު ހެދުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރާއި ކޮންސަލްޓެންޓަކީ އެއް ގައުމަކަށް ނިސްބަތްވާ ގުޅުން އޮތް ބައެއްކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުން ލިބޭ ޝަކުވާ ގިނަ ކަމަށެވެ.
“ކައުންސިލުން ތަކުރާރުކޮށް މި ޝަކުވާތައް ވެރިފަރާތް ކަމަށްވާ ޕްލޭނިން މިނިސްޓްރީއާ ހިއްސާ އެބަކުރަން. އެހެންނަމަވެސް ހައްލެއް ނުލިބި މި މަސައްކަތް ނިމޭއިރު މި މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް. މިމަސައްކަތް ޕްލޭނިން މިނިސްޓްރީން ވަރަކަށް ނުބަލާ،” އައްޑޫ މޭޔަރު ނިޒާރު ވިދާޅުވިއެވެ.
އެހެންނަމަވެސް މޭޔަރުގެ މި ވާހަކަތަކަށް ރައްދުދީ ޕްލޭނިންގ މިނިސްޓްރީގެ އޮފިޝަލަކު އަވަސް ނޫހަށް ވިދާޅުވެފައިވަނީ އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޕްލޭނާ އެއްގޮތަށް ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓްރީން ކައިރިން ބަލަމުންދާ ކަމަށެވެ.
އެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގައި މިވަގުތު ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ހުރި ކަމަކަށް ނުފެންނަކަމަށާއި ކާރިސާއެއް ކަހަލަ ބޮޑު ހާދިސާއެއް ދިމާނުވެއްޖެނަމަ އައްޑޫގެ މަގުތައް ހެދުން ކަނޑައެޅިފައިވާ ތާރީޚަށް ގާތްގަނޑަކަށް ނިންމާލެވޭނެ ކަމަށް ވެސް އޮފިޝަލާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.
އައްޑޫ މަގުތައް ހެދުމުގެ މަސައްކަތް މިސަރުކާރުގައި އަލުން ފެށީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.
އައްޑޫގައި 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މިމަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުން އެގައުމުގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމުގެ ދަށުންނެވެ.