ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އަލުން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވަލައިފިއެވެ.
ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަނުން އަލުން ހުޅުވާލީ އިންތިހާބު ބާއްވާ ތާރީޚަށް ބަދަލު ގެނެސް އިންތިޚާބު ފަސްކުރުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިމަހު 17 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައި އޮތްނަމަވެސް، ޤާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން އެ ތާރީޚު މިހާރު ވަނީ އަންނަ އޭޕްރިލްމަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން މާރޗް 16 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ރީ-ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭނީ އޮންލައިންކޮށްކަމަށާއި، އެހެންކަމުން ދުރާލާ ރީރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.
ރީރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަންއިން ކަނޑައަޅާފައިވާ އޮންލައިން ޕޯޓަލް form.elections.gov.mv ބޭނުންކޮށްގެން ޚިދުމަތަށް އެދެވޭނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
އަދި 1414 އަށް އެސްއެމްއެސް ކޮށްގެން މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބެލޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.
އިންތިހާބު ބާއްވާ ތާރީހަށް އައި ބަދަލާއި ގުޅިގެން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން
ޝަކުވާތަކަށް ފުރުސަތު ދިނުމަށްފަހު އިލެކްޝަނުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައި މިހާރު ހިމެނެނީ 284888 މީހުންނެވެ. މީގެތެރެއިން 561 މީހުންނަކީ އޭޕްރީލްމަހުގެ 21 ވަނަ ދުވަހަށް އިންތިހާބު ލަސްކުރުމާއި ގުޅިގެން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި 93 ދާއިރާއަކަށް 371 ކެނޑިޑޭޓަކު ވާދަކުރައްވައެވެ.