English Edition
Dhivehi Edition

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި މި ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ، ސިޔާސީ ކުރިއެރުން ބިނާވެފައި އޮންނާނީ، އިސްލާމް ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށްކަމަށާ، އިސްލާމްދީނުގައި ނުގުޑާފަދަ ވަރުގަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ .ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާތީ، އެކަމާ ޙަސަދަވެރިވާ ބަޔަކު އެބަތިބިކަން ހަނދާންކުރަންޖެހޭކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ބަލިކަށިކުރުވުމަށް، އެތެރެއާއި ބޭރުން މަސައްކަތްކުރަމުންދާއިރު، މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ހޭލާންޖެހެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް ދީގެނެއް ނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ހޭލާންޖެހެއެވެ. އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް އަޅުގަނޑުމެން ދީގެނެއް ނުވާނެއެވެ.” ރައީސް ގެ ޚިތާބުގައި ވިދާޅުވިއެވެ.

އެ ޚިތާބުގައި ރައީސް ވިދާޅުވީ މާތްﷲ ރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ނިއުމަތް ކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަގީދާގައި އަދި އެދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.