English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓުއަރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލުތަކުގެ އާމްދަނީއަށް އިތުރުކުރުމަށް ކަމާގުޅޭ ޤާނޫނުތަކަށް އިސްލާޙް ހުށަހަޅުއްވަން ގަސްދުކުރައްވާކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ވ. ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޓެކްސްގެ ގާނޫނަށް ގެނެވޭ އިސްލާހްތަކުގެ ތެރެއިން، ކުރިޔަށް އޮތްތަނުގައި، މީރާއަށް ޖަމާ ކުރެވޭ އާމްދަނީގެ ވަކިއިންސައްތައެއް ސީދާ ކޮންމެ ކައުންސިލަކަށް ލިބޭގޮތަށް ބައްޓަންކުރުމަށް ގާނޫނަށް އިސްލާހު ގެންނަވާނެކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މައި ސަރުކާރުގެ ކަލެކްޓިން އެޖެންސީން ހުރިހާ ޓެކްސްއެއް ނެގުމުގެ ބަދަލުގައި މައި އިންޑަސްޓްރީތަކުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލުތަކުގެ އާމްދަނީއަށް އިތުރުކުރުމަށްވެސް ކަމާގުޅޭ ހުރިހާ ޤާނޫނުތަކަށް އިސްލާހް ގެންނަވާނެކަމުގައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ ހަގީގީ މާނައިގައި ލާމަރުކަޒުކޮށް ލިބޭ އާމްދަނީއަކުން ރައްޔިތުންނަށް ފައިދާވާގޮތަށް ހެދުމަށް ކަމުގައެވެ. އެގޮތުން ރައްޔިތުންނަށް ހިދުމަތް ކުރަން ހޮވާފައި އޮންނަ ކައުންސިލުތައް ބާރުވެރި ކުރެވުމުން ސަރުކާރާއި މިނިސްޓްރީތަކުން ކުރަންޖެހޭ ޚަރަދުތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ކެޔޮދޫ ބިންހިއްކުމުގެ މަޝްރޫއު މިއަހަރު ކުރިޔަށް ގެންދަވާނެކަމުގައެވެ. އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން ކުނިމެނޭޖްކުރުމުގެ ބޮޑު މަޝްރޫއެއް ވަރަށް ގިނަ ރަށްތަކުގައި ހިންގުމަށް ރާވަވަމުން ގެންދަވާކަމަށާއި އެމަޝްރޫޢުގެ ތެރެއިން ކެޔޮދޫއަށް ވެސް ސަމާލުކަންދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލުގެ 4 ބުރީގެ އިމާރާތާއި ކުޑަކުދިންގެ ޕާކް އެޅުމުގެ މަސައްކަތަކާއި ބަނދަރާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށްވެސް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވިދާޅުވިއެވެ.