English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން އުންމީދު ކުރާވަރުގެ ތަރައްޤީއެއް ރައްޔިތުން އެދޭގޮތަށް ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހައްދުންމަތީ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ލ އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅާނެތަނެއް ނިންމާނީ ލ އަތޮޅުގެ ރައްޔިތުންގެ އަޑުއަހައިގެން، އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށްކަމުގައެވެ. އަދި ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމުގައި އިސްދޫ-ކަލައިދޫ ދާއިރާއަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލ އަތޮޅަށް ގެނެސްދެއްވަން ވިސްނަވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެމައްޗަށް އަލިއަޅުވާލެއްވިކަމަށެވެ. އެގޮތުން ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެ، އާމްދަނީ އިތުރުވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވަން ހުރި ކަންކަން ކުރުމަށް، ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ، ރައްޔިތުން އެދޭ ތަރައްޤީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ލ. އިސްދޫ އަދި ކަލައިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.