English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

އެއްބައިވަންތަކަމާއެކު އީދުގެ އުފާވެރިކަން ވީއެންމެ ބޮޑަކަށް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

“އީދު އަލި” އިފުތިތާހް ކޮށްދެއްވައި ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން “ފައްވާރާ” މަރާމާތުކުރުމަށްފަހު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އަޟުޙާ އީދާއި ފިތުރު އީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވުންކަމުގައެވެ. ހަމައެއާއެކު އީދަށް ތައްޔާރުވެ އެއްބައިވަންތަކަމުގެ އަޒުމު އާކޮށް، ހުރިހާ ފަރާތްތަކަކުންވެސް އީދުގެ އުފަލުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.އެގޮތުން ރާއްޖޭގެ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައި އިފުތިތާހްކުރި އީދުގެ ދިއްލުންތަކަކީވެސް އެ ބޭނުމުގައި ފެށްޓެވި މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ޢީދު އަލި” ރައީސުލްޖުމްހޫރިއްޔާ ރޭ އިފުތިތާހް ކޮށްދެއްވުމާއެކު ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައިވެސް މި ލައިޓްތައް ދިއްލިގެން ދިޔައެވެ. އީދު ލައިޓްތަކާއެކު ހިމެނޭ ސްޕީކަރު ސިސްޓަމުތަކުން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި އީދުގެ ތަކްބީރުތައް އިއްވަމުންދާނެއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް އަޟްޙާ އީދުގައި އީދުގެ ދިއްލުންތައް މިއަށްވުރެ ގިނަ ރަށްތަކަށް ގެންދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. އަދި އަންނަ އަހަރު މާ ކުލަގަދަކޮށް މާ ގިނަ ރަށްރަށުގައި އީދު ފާހަގަކުރައްވާނޭ ކަމަށެވެ.

ރޭގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން “ޖުމްހޫރީ ފައްވާރާ” ވެސް ހުޅުވައިދެއްވާފައެވެ. މި ތަން އަލުން ހުޅުވައިދެއްވާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުކޮށް އަޅާނުލާ ދޫކޮށްލާފައި އޮތުމުގެ ސަބަބުން މި ތަނުގައި ކުރަންޖެހުނު މަރާމާތުތައް ކުރުމަށް ފަހުއެވެ.