English Edition
Dhivehi Edition
އިޔާޒް ނަސީމް ފޮޓޯ: ޕީއެންސީ

ސަރުކާރަށް، ރައްޔިތުންގެ މަޖިލީހުގެ އައުލަބިއްޔަތު ނުލިބި އޮމާންކަމާއެކު ވެރިކަން ނުކުރެވޭނެކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އިޔާޒު ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އައްޑޫއަށް ކުރައްވަމުންދާ ނުރަސްމީ ދަތުރުފުޅުގައި، އައްޑޫ ސިޓީއަށް ޕީއެންސީ އިން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ބޭއްވި ޖަލްސާގައި އިޔާޒު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުތަކާ ގާނޫނު އަސާސީ އާއި ބައްޓަންވެފައިވަނީ މިގޮތަށް ކަމަށެވެ، އެހެންކަމުން ވަރަށް ތަނަވަސް އައުލަބިއްޔަތަކުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކޮށްފައި ކަމަށެވެ. އެހެންކަމުން މި ފަސް އަހަރު އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތް ހަދަން އެބަޖެހޭކަމަށް އިޔާޒު ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންނަށް މިކަން ވަރަށް ރަނގަޅަށް އެގޭނެކަން ވިދާޅުވެ އިޔާޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ރޮޒައިނާ ހޭދަކުރެއްވި 10 އަހަރު ދުވަހަށް އަލިއަޅުއްވާފައެވެ. މި ގޮތުން މީދޫ ދާއިރާގެ މަޖިލީސް މެންބަރަކު 10 އަހަރު ފުރިހަމަކުރައްވާފައިވާކަން ފާހަގަކުރައްވަމުން އިޔާޒު ވިދާޅުވީ އެއް ދައުރުގައި ހުންނެވީ ސަރުކާރާ ދެކޮޅު މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި އޭރު ދާއިރާއަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށާ، އޭރު ކުރެވުނު ކަމަކީ ސަރުކާރު ޒިންމާ ދާރުކުރުމުގެ ނަމުގައި ސަރުކާރަށް ފާޑުވިދާޅުވުންކަމުގައި އިޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް ދެވަނަ ދައުރުގައި މީދޫ ދާއިރާގެ މެންބަރަކީ ސަރުކާރުގެ މެންބަރަކަށްވުމުން އެ ދާއިރައަށް ތަރައްގީގެ ކަންތައްތައް ކުރެވުނުކަމަށް އިޔާޒު ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުންނަށް އެނގޭ ސަރުކާރާ އެކު އެމްޕީ ހުރުމުން ވާ ފައިދާ އާއި ސަރުކާރާ ދެކޮޅަށް އެމްޕީ ހުރީމަ ވާ ގެއްލުން. އެހެންކަމުން އަޅުގަނޑު ދަންނަވާނީ އައްޑޫގެ ލޯބުވެތި ރައްޔިތުންނަށް މިސިޓީ މީގެ ކުރިންވެސް އެމްޑިޕީއަށް ދެވިއްޖެއޭ. ސިޓިގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ދެވި މަޖިލީހުގައި އެމްޑީޕީ މެޖޯރިޓީ އޮވެ މި ސިޓިއަށް ކޮށްދެވުނީ ކޮންކަމެއްތޯ” އިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އިޔާޒު ވިދާޅުވީ ރައްޔަތިންގެ މަޖިލީހުގެ އައުލަބިއްޔަތު ލިބިއްޖެނަމަ ފްލެޓާއި ބިން ދޭނެކަމަށް ބުނެ ދައްކަމުން ދާ ވާހަކަ އަޑުއިވެމުން އަންނަކަމަށެވެ. “މިހާރުވެސް ބަލަ އައުލަބިއްޔަތު އެބައޮތޭ. ރައީސް މުއިއްޒުގެ ސަރުކާރު ފެށުނު ފަހުން މިހާރު ފަސްވަރަކަށް މިދިޔައީ ހަމަ އެ ބޭފުޅުންނަށް އައުލަބިއްޔަތު އޮވެގެން. މި ފަސް މަސްތެރޭގައި ފްލެޓް ދެއްވަންވީ ނޫންތޯ؟ އެހެންވީމަ މި ފަސް މަހުގެ ތެރޭގައި ނުކުރެއްވޭކަމަށް ފަހަކުންވެސް ނުކުރެއްވޭނެ” އިޔާޒު ވިދާޅުވިއެވެ. އިތުރަށް އިޔާޒު ވިދާޅުވީ ރައީސަކު އިންތިހާބުކުރުމަށްފަހު ރައީސްގެ ހުރިހާ ވައުދުތަކަށް ހުރަސްއެޅޭ ގޮތަށް މަޖިލީސް ހޮވައިގެން ލިބޭނެ ކާމިޔާބީއެއް ނެތްކަމަށެވެ.

މި ފަސް މަހުގެ ތެރޭގައި ރައީސް މުއިއްޒުގެ ސަރުކާރުން އައްޑޫ ސިޓީ މީދުގައި މި ފަސް އަހަރުތެރޭ ނުއުފެއްދޭ ވަަރަށް ގިނަ ވަޒީފާ އުފެއްދިފައިވާކަން ފާހަގަކުރައްވަމުން އިޔާޒު ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.