English Edition
Dhivehi Edition

މިއަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީއަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ކަނޑައަޅުއްވާފައި ހުންނެވި ޒޯން ލީޑަރު މުހައްމަދު ވަޖީހު އައްޑޫ މީދޫ ދާއިރާއަށް މިއަދު ވަޑައިގެން އެދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އިޔާޒު ނަސީމާއި އޭނާގެ ކެމްޕޭނު ލީޑަރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އިޔާޒުގެ ކެމްޕޭނު ޓީމާ ބައްދަލުކުރައްވައި މި ކެމްޕޭނާ ގުޅޭގޮތުން މަޝްވަރާ ކުރެެއްވުމުގެ އިތުރުން ވަޖީހު ވަނީ ކެންޑިޑޭޓް އިޔާޒާއެކު ދާއިރާގެ ބައެއް ގޭގެއަށް އިއްޔެ ވަޑައިގެން އިޔާޒުގެ “ދޮރުންދޮރަށް” ކެމްޕޭނުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެންމެ ދެކުނުގެ ޒޯން ލީޑަރުކަމުގެ އިތުރުން ދައުލަތުގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯކަންވެސް މިވަގުތު ކުރައްވަމުން އަންނަ ވަޖީހު އިޔާޒުގެ ކެމްޕޭނުގައި ފެނިގެން ދިއުމަކީ ހެޔޮ ފާލެއްކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ވަޖީހުގެ އިތުރުން ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާއި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވާރުވެސް ވަނީ އިއްޔެ މީދޫއަށް ވަޑައިގެން އިޔާޒުގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މީގެ ކުރިން ފާއިތުވި ހަފްތާ ތެރޭގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒުވެސް ވަނީ އިޔާޒުގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އިޔާޒަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ.