English Edition
Dhivehi Edition
ގދ. ތިނަދޫ ކައުންސިލްގެ މެންބަރު، މުޙައްމަދު ޒަލީފް އަބްދުﷲ - ފޮޓޯ: އޭ.އޯ ނިއުސް

ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީގެ ހުރި ނާގާބިލިއްޔަތު ކަމެއްގެ ސަބަބުން ތިނަދޫ ރައްޔިތުންނަށް ކަންތައް ނުކޮށްދެވިފައި ކައުންސިލްގެ އެހެން މެންބަރުން ތިބިކަމަށް ކައުންސިލްގެ މެންބަރު މުޙައްމަދު ޒަލީފް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރަށުގެ އެކި ކްލަސްޓަރ ތަކުން މެންބަރުން ހޮވިފައި އޮތް ކައުންސިލެއްގައި އެކި ހިސާބުތަކުން ރައްޔިތުންގެ ހިޔާލާއި ފިކުރު ހުރި ނެތްގޮތް ބަލައިގެން ކަންކަން ނިންމަން ރައީސް ބޭނުންނުވާ ކަމަށާއި އެލް.ޖީ.އޭ އިން ފޮނުވާފައިވާ ހިންގާ ގަވާއިދަށް އިޖުރާއުތަކެއް އިތުރުކުރަން ޖެހިފައިވުމުން އެކަން ކައުންސިލުގެ ދެވަނަ ބައްދަލުވުމުގައި ތާވަލު ކޮށްފައި އޮތް ނަމަވެސް އެކަންވެސް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްފައި ނުވާކަމަށް ޕީ.ޕީ.އެމް އަށް ނިސްބަތްވާ ޒަލީފް “އޭ.އޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ދެ ޕާޓީއަކަށް ނިސްބަތްވާ މެންބަރުން ތަކަކާއެކު ގދ. ތިނަދޫގައި އަލަށް އިންތިހާބުވި ހަތަރު ވަނަ ދައުރުގެ ކައުންސިލަކީ އެމް.ޑީ.ޕީ ގެ ހަތަރު މެންބަރުންނާއި ޕީ.ޕީ.އެމް ގެ ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެކެވެ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އަކީ އެމް.ޑީ.ޕީ އަށް ނިސްބަތްވާ މެންބަރެކެވެ.

ސައުދު އަށް ލިބިފައިވާ ބާރުގެ ބޭނުންކުރަން ބޭނުންވެފައި ހުރި ވަރުން ކައުންސިލްގެ މެންބަރުންނާއި މަޝްވަރާނުކޮށް ކަންތައްތައް ނިންމަމުންދާ ކަމަށާއި ކައުންސިލުގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށް ކައުންސިލުގެ މަސައްކަތްތައް ބަހާލުމުގެ ބަދަލުގައި ރައީސް އަމިއްލައަށް، އޭނާއަށް ފެންނަ ގޮތަށް ހިތުހުރި ގޮތަކަށް މަސައްކަތްތައް ބަހާލާފައިވާކަމަށް ޒަލީފް ވަނީ ވިދާޅުވެފައެވެ.

ޒަލީފް ވިދާޅުވީ، ރަށު ކައުންސިލެއްގެ ލީގަލް ބޮޑީއަކީ އަތޮޅު ކައުންސިލް ކަމަށްވާއިރު އަތޮޅު ކައުންސިލުން ދެއްވާ ލަފައާއި އިރުޝާދުތައް ސައުދު ބަލައިނުގަންނަ ކަމަށާއި އަތޮޅު ކައުންސިލުން މެންބަރުންނާއި ބައްދަލުކުރައްވަން އެދިވަޑައިގަތުމުން އެކަމަށްވެސް ސަމާލުކަމެއް ދެއްވާފައި ނުވާކަމަށެވެ.

“ސެކްޝަންތަކަށް ކައުންސިލަރުން ބަހާލަން މަޝްވަރާއެއް ނުކުރޭ. މޭޒު މައްޗަށް އައީ ކަރުދާހެއް.” ޒަލީފް ވިދާޅުވިއެވެ.

ރަށު ކައުންސިލަކީ ރަށުގެ ތަރައްގީއަށް މަސައްކަތްކޮށް ރައްޔިތުންނަށް ހިދުމަތްތައް ފަހިކޮށްދޭން ހޮވާފައިވާ ބައެއް ކަމަށާއި ރައީސް ސައުދު ކައުންސިލްގެ އެހެން މެމްބަރުންނާއި ގުޅިގެން މަސައްކަތް ކުރާނެ މާހައުލެއް އުފައްދަން ބޭނުން ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް ޒަލީފް ވަނީ ވިދާޅުވެފައެވެ.

“އެންމެ ބޮޑު ގޮންޖެހުމަކީ ބައްދަލުވުންތަކަށް އަންނަނީ އަމިއްލައަށް ގޮތް ނިންމައިގެން. އެ ނޫން ގޮތަކަށް ހިޔާލުފާޅުކުރާ ހިސާބުން އަވަހަށް ބައްދަލުވުން ކުރުކޮށްލަން މަސައްކަތްކުރާކަން ފާހަގަކުރެވޭ” ޒަލީފް ވިދާޅުވިއެވެ.

މަޝްވަރާއަކާ ނުލާ ސައުދު އަމިއްލައަށް ކަންކަން ނިންމާ ކަމާއި ގޮތްދޫނުކޮށް ހުރެ އެހެން މީހުންގެ ހިޔާލު ބަލައިނުގަންނަ ކަމާއި ހިންގުންތެރިކަމުގެ ސިފައެއް ނެތްކަން މިއަދު ތިނަދޫ ރައްޔިތުންނަށްވެސް ފާހަގަވެ މެންބަރުންނަށް އެ ޝަކުވާތައް ލިބެމުންދާކަމަށް ޒަލީފް ފާހަގަކުރެއްވިއެވެ.

“ތަކުރާރުކޮށް މަޝްވަރާގެ ރިވެތި އުސޫލު ގެންގުޅުމަށް ހުރިހާ މެންބަރުންވެސް ބުނޭ. އެކަމަކުވެސް ރައީސްގެ އެއްބާރުލުމެއް ނުލިބޭ. ކުރިމަގެއް ނުފެނޭ.” ޒަލީފް ވިދާޅުވިއެވެ.

ޒަލީފް ވިދާޅުވީ، ސައުދު އަކީ އެހެން މެމްބަރުންނާއި ހިލާފަށް މީގެ ކުރިން ކައުންސިލްގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅަކަށްވާތީ ރައީސެއްގެ ގޮތުގައި ޒުވާން މެންބަރުންތަކާއެކު ގުޅިގެން މަސައްކަތްކޮށް ތިނަދޫގެ ތަރައްގީ މެކުހަށް ޖަހާލެވޭނެކަމުގެ ފޮނި އުއްމީދުގައި މެންބަރުކަމަށް ހުވާކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ސައުދުގެ އަމަލުތައް ހުރި ގޮތުން މިއަދު ކައުންސިލުގެ ނައިބު ރައީސްގެ ބާރުވެސް ކަނޑާލާފައިވާ ކަމަށެވެ. ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ އަކީ އެމް.ޑީ.ޕީ އަށް ނިސްބަތްވާ މެންބަރެކެވެ.

“ނައިބު ރައީސް ނަސްރުﷲ އަލީ އަކީ “ޖަވާހިރެެއް”. ނަސްރުﷲ އަކީ އެންމެންނާއި ގުޅިގެން ކައުންސިލްގެ ކަންތައްތައް ހިންގަން މަސައްކަތްކުރާ މެންބަރެއް. އެކަމަކު ކަންކަމުގައި ގޮތް ނިންމަން ރައީސްގެ ބާރު ނާޖާއިޒުގޮތުގައި ބޭނުންކުރަން ހަދައިގެން ނައިބު ރައީސްގެ ބާރުވެސް ގާތްގަނޑަކަށް ގެއްލިފަހުރީ.” ޒަލީފް ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުގެ އެހެން މެންބަރަކު ވިދާޅުވީ، މީޑިއާތަކަށް މެންބަރުން މަޢުލޫމާތު ނުދެއްވަން ސައުދު ވިދާޅުވެފައިވާ ކަމަށާއި އަދި ސައުދު ކަންތައް ކުރައްވަނީ ސައުދު އަމިއްލައަށް ބޭނުންފުޅުވާ ގޮތަށް ކަމަށެވެ.

“މީޑިއާތައް މެދުވެރިކޮށް ކައުންސިލުގެ ކަންތައްތައް ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ހުށަހެޅިން. އެކަމުގައިވެސް އެއްބާރުލުމެއް ނުދިން. އެންމެފަހުން ބޮޑު ޒުވާބަކަށް ފަހު ސައުދު ބޭނުން ގޮތަކަށް އެކަންވެސް ނިންމީ. އެއީ މީޑިއާތަކާއި ހިއްސާނުކުރުމަށް” ނަން ހާމަ ކުރަން ބޭނުން ނުވާ މެންބަރަކު ވިދާޅުވިއެވެ.

ގދ. ތިނަދޫ ކައުންސިލް ރައީސްގެ އަމަލުތައް މިފަދަ ގޮތަކަށް ހުރިކަން ކައުންސިލްގެ މެންބަރުން ފާހަގަކުރައްވާފައިވާ އިރު، ތިނަދޫގައި އެމް.ޑީ.ޕީ އަށް ނިސްބަތްވާ އެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންވެސް މިކަންކަމާއި ދެކޮޅެއް ނަހައްދަވައެވެ. ކައުންސިލުގެ އިސް މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންވެސް ސައުދުގެ ގާބިލިއްޔަތުކަމާއި މެދު ޝައްކު އުފައްދާފައިވާ އިރު ތިނަދޫގެ ތަރައްޤީއާމެދު ޒުވާނުން ކުރަމުން އައި ފޮނި އުއްމީދު މިއަދު މި ވަނީ ގެއްލިފައެވެ.

4 ކޮމެންޓް
Mamen
ޖޫން 16, 2021
Athah govanee. Vote beykaaruvee Amilla edhumun foavefa
ތިނަދޫ އެމްޑީޕީ
ޖޫން 16, 2021
ތިނަދޫ ގެ ކުރިމަގަށް ފައިދާ ނުކުރާނެ ދާއްޔާ ނާޒިމް ހުރިހާ ދުވަހަކު އަތޮޅު ރައިސް ކަން ވެސް ގެލުނިވެސް އޭނަޔާ ހެދި ތިނަދޫ އެމްޑީޕީ ދެބާވިވެސް އެހެންވެ މިހާރު އަޑީގައި ހުރެގެން ސައުދު ބޭރު ކުރަން ތިއުޅެނީ
Rashu meehaa
ޖޫން 16, 2021
Hajam nukurevigen .
އޠ
ޖޫން 16, 2021
ރީތިވީކުން