English Edition
Dhivehi Edition

އުތުރުގެ ހަތަރު އަތޮޅު ތަރައްޤީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނެ ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ޕްލޭންކޮށް، ސަރަހައްދީ ތަރައްޤީ ގެނެސްގެންކަން ފާހަގަ ކުރެއްވިއެވެ. އަދި އުތުރުގެ ހަތަރު އަތޮޅު ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ތަރައްޤީކުރާއިރު ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ބަލައިގެން ތަރައްޤީކުރާނެކަމަށާއި، ހަމައެހެންމެ މެދުރާއްޖެ ތެރޭގައި 7 ސަރަހައްދެއް އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްޤީކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުތުރުގެ 4 އަތޮޅު ހިމެނޭ ތަރައްޤީގެ ޒޯނުގެ ތެރޭގައިވެސް އާބާދީއާ އެއްފަސްކުރެވޭ އަދި އިސްކަންދޭ ރަށްތަކެއް ހިމެނޭނެކަމަށާއި، އޭގެތެރެއިން ހަނިމާދޫއަކީ ޚާއްސަ އިސްކަމެއް ދެއްވާނެ އަދި ތަރައްޤީގެ ސިޔާސަތުގައި ގިނަ ކަންތައްތަކެއް ހިމެނޭ ރަށެއްކަމުގައެވެ.

މިހާރު ފެށިގެން ކުރިއަށްދާ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއާޕޯޓު މިހާރު ތަރައްޤީކުރެވިގެން ދަނީ އެންމެ ބޭނުންވާ ފުޅާ ދާއިރާއެއްގައި ނުވަތަ ސްކޭލްގައި ނޫންކަމުގައެވެ. އެހެންކަމުން ރަންވޭ މިހާރަށްވުރެ 700 ވަރަކަށް މީޓަރު ދިގުކުރުމަށް އެއާޕޯޓުގެ ލޯނު ހަމަޖެއްސި ފަރާތާ މަޝްވަރާ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށާއި އެ މަޝްރޫޢު ކުރިއަށް ގެންދާނީ ސަރުކާރުގެ ސަރަހައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން، އެވިސްނުމުގައި ކަމަށެވެ.