English Edition
Dhivehi Edition
ހޯޑެއްދޫ ކައުންސިލާއިއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމުން, އެރަށަށް ކުރިމަތިވާ އުދައެރުމާއި ރަށްގިރުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްދީފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ.

“ކައުންސިލުން ވަނީ އެރަށަށް ކުރިމަތިވާ އުދައެރުމާއި ރަށްގިރުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފަ,” -ރައީސް އޮފީސް-

މީގެ އިތުރުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމަށާއި، އަދި ސްކޫލުގެ ސައިންސްލެބް ހިމެނޭ އިމާރާތް އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރިކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

ހޯނޑެއްދޫ އތމ ކޮމިޓީން ވަނީ ރާއްޖޭގެ އެހެން ރަށްރަށުގެ އ.ތ.މ. ކޮމިޓީތަކުންވެސް ފާހަގަކުރަމުން އަންނަ ކަންބޮޑުވުމެއް ކަމުގައިވާ ދާއިމީ ވަޒީފާތައް އަދާކުރާ ފަރާތްތަކަށް ލިބޭ ބައެއް އިނާޔަތްތައް އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ނުލިބޭތީ ކުރިމަތިލާންޖެހޭ ދަތިތައް ފާހަގަކޮސްފައެވެ.

މިކަންކަމަށް ޖަވާބުދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ތ.މ ކޮމިޓީތަކުގެ އެކަންބޮޑުވުމަކީ ހައްލު ހޯދަންޖެހޭ މައްސަލައެއްކަން ފާހަގަކުރައްވައި، ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިގެން އެކަމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަންދެއްވައި އެކަންކަމަށް ހައްލު ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.