މިދިޔަ އަހަރުގެ ދަރަނީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު ވިދާޅުވި އަދަދުތައް ގޯސްކަމަށް ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅވީ 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލަ އަދަދަކީ 51.1 ބިލިއަން ރުފިޔާ ކަމަށެވެ.
ދެކުނުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބޭރުގެ ދަރަނީގެ ގޮތުގައި 120 ބިލިއަން ރުފިޔާ ވާރުތަވި ކަމަށެވެ.
އެއީ ކުންފުނިތަކުން ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުހިމަނާ ކަމަށާ، ކުންފުނިތަކުން އެކިއެކި މަސައްކަތް އެހެން މީހުން ލައްވާ ކުރުވުމަށްފަހު ރައްޔިތުންނާ ވިޔަފާރިތަކަށް ބިލުކޮށްފައިވާ އެތަށް ބިލިއަން ރުފިޔާއެއް ހުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ ވާހަކަތައް ދޮގުކުރައްވާ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، “މިދިޔަ އަހަރު ނިމުނުއިރު ދަޢުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާ ކަމަށް. އަދި އެ 51 ބިލިއަނަކީ ސިދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދަޢުލަތުން ސޮވްރިން ގެރެންޓީދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ އަދަދު,” ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ސަރުކާރުތައް ބަދަލުވިނަމަ ވެސް މި ގައުމު ނުހުއްޓި ކުރިއަށް ދާނެ ކަމަށެވެ. އަދި 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރުވެސް، އެތައް ބިލިއަން ރުފިޔާގެ ބިލު ދައްކަން ހުރި ކަމަށާ ނިމުނު ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކުން އޭރު އެވާހަކަތައް ދާއްކާ އެއަދަދުތައް ހުއްޓުމެއްނެތި ތަކުރާރު ކޮށްފައިނުވާނެ ކަމަށެވެ.
“މިހާރު ސަރުކާރުން އަމަލުކުރަމުންދާ ގޮތަކީ ޒިންމާދާރުކުޑަ. ސަރުކާރުން މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވާންޖެހޭ,” ކަމަށް ވެސް ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕޯސްޓާއެކު އަމީރު ވަނީ، ފިނޭންސް މިނިސްޓްރީން 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ދަރަނީގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފަ. އެ ތަފާސްހިސާބުތައް ދައްކާގޮތުން ދަރަނި 120 ބިލިއަނަށް އަރަނީ ބޭރާ، އެތެރޭގެ ދަރަނި އެއްކުރުމުންނެވެ.
އަމީރު އެހެން ވިދާޅުވިއިރު ރާއްޖެ ބަނގުރޫޓުވެ، ދަރަނި ނުދެއްކޭ ހާލަތަކަށް ގޮސްފައިވާ ވާހަކަތަކެއް ވެސް ސޯޝަލްމީޑިއާގައި މިވަގުތު ދަނީ ފެތުރެމުންނެވެ. އެކަން ދޮގު ކުރައްވާ، ރައީސް މުއިއްޒު ވިދާޅުވީ، ދަރަނި ނުދެއްކި، ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ގޮސްފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ދަރަނި ދެއްކުމާއެކު ރައްޔިތުންނަށް މުސާރަދީ، އަސާސީ ބޭނުންނަތައް ވެސް ފުއްދައި ދެމުންދާ ކަމަށެވެ.