English Edition
Dhivehi Edition
ރައީސް މުއިއްޒު ރަތަފަންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކައުންސިލާއި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވުމުން އެކަށީގެންވާ ބޭސް އެރަށުން ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ރަތަފަންދޫ ކައުންސިލުން އެދިއްޖެއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ސިއްހީ މަރުކަޒުގެ އިމާރާތް ބާވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކައުންސިލްގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި، އެކަށީގެންވާ ބޭސް ރަށުން ނުލިބުމާއި، މިސްކިތްތަކުގެ މަރާމާތަށް ބޭނުންވެފައިވާ ކަމަށާއި، އަދި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއި، މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ފާހަގަކުރައްވާފަކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން އައިސް ޕްލާންޓުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ފާޅުކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައި، އެކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފަކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.