English Edition
Dhivehi Edition
ރައީސް ޑރ،.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ބޯޑުގެ ކުރީގެ ޗެއަރމަން އަހުމަދު ޒުހޫރުގެ ސިޓީފުޅެއް ލިބިވަޑައިނުގަންނަވާކަމަށާއި، އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ ވަގުތުން ފިޔަވަޅު އެޅުއްވީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެޗްޑީސީގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދާއި، ބައެއް އިސްވެރިން ހިންގާކަމަށް، އެޗްޑީސީގެ ޗެއާމަނަކަށް މިސަރުކާރުން އެންމެ ފުރަތަމަ އައްޔަންކުރެއްވި އަހްމަދު ޒުހޫރުއަށް ތުހުމަތުކުރެވުމުން، ރައީސް އަށް ސިޓީއެއް ފޮނުވިކަމަށް ބުނެ އެފަދަ ސީޓީއެއް ސޯޝަލް މީޑީއާގައި އަންނަނީ ދައުރުވަމުންނެވެ.

ރައީސް އޮފީހުގެ ބޭރުގައި ބައެއް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެޗްޑީސީގެ ކުރީގެ ޗެއާމަން ޒުހޫރުގެ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާކަމަށެވެ. އަދި އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ ވަގުތުން ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ތެރޭ ކޮރަޕްޝަނަށް ޖާގަ ނޯންނާނެ ކަމަށެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް ރައީސް އެދިވަޑައިގަތެެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.