ކުރިއަށް އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް ކަމަށާއި ދެން ގެއަށް ވަންނަން ވާނީ ވޯޓުލާ ނިންމައި، ކާމިޔާބު ހޯދައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އައްޑޫ ހުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވަހަކަދައްކަމުން ސޯލިހް ވިދާޅުވީ ކެމްޕެއިން ޓީމުތައް އެއް ގިޔަރު މައްޗަށް ޖައްސާލަން ޖެހޭ ކަމަށެވެ. ކުރިއަށް އޮތް ދެ ދުވަހު ގަދައަށް ކެމްޕެއިންކޮށް، އެ މަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް އެއްބުރުން އިންތިހާބު ކޮށްދިނުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.
އިތުރަށް ރައީސް ސޯލިހް ވިދާޅުވީ އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން ރޭ ފެނިވަޑައިގަތީ ހަގީގަތުގައި ވެސް އިންތިހާބު ނިމި، އެމްޑީޕީ އަށް ކާމިޔާބުވެފައި އޮތް މަންޒަރު ކަމަށެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކުން ވެސް ފެނުނީ އެ މަންޒަރު ކަމަށް ސޯލިހް ވިދާޅުވިއެވެ.
ދެވަނަ ދައުރެއް އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ މާ އުފާވެރިކޮށް ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އައްްޑު އަށް ވީ ވައުދުތައް ފުރިހަމައަށް ފުއްދާނެކަމަށެވެ.