English Edition
Dhivehi Edition
އީސީގެ ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިހާބަށް ނަންބަރު ތަރުތީބުކުރަން ގުރުއަތުލުން ހުކުރު ދުވަހު އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފިއެވެ.

މަޖިލީހުގެ އިންތިހާބަށް، ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުނެގުން އޮންނާނީ މެންދުރުފަހު 14:00 ގައި ދަރުބާރުގޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 381 މީހުންކުރިމަތިލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އެންމެ ގިނަ ދާއިރާތަކަށް ވާދަކުރަނީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީންނެވެ. އެ ކޯލިޝަނުން 90 ދާއިރާއަށް ވާދަކުރެއެވެ. އެމްޑީޕީން 89 ދާއިރާއަށް ވާދަކުރާއިރު, ޑިމޮކްރެޓްސް އިން 40 ދާއިރާއަކަށް ވާދަކުރެއެވެ. ޖުމްހޫރީ ޕާޓީން ވާދަކުރަނީ 10 ދާއިރާއަކަށެވެ. އަދާލަތު ޕާޓީއާ, އެމްއެންޕީންވެސް މަދު ދާއިރާތަކަށް ވާދަކުރަން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ ބުދަ ދުވަހު މެންދުރު 14:00 އަށެވެ.

ކުރިއަށް އޮތް 20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ. ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އިންތިހާބުގައި ވާދަކުރަން އެދި ފޯމު ހުށަހެޅުމުން އެ ފޯމު ބަލައިގަތުމާއި ގުޅޭގޮތުން އިލެކްޝަންސްއިން ގޮތެއް ނިންމައި 48 ގަޑިއިރު ތެރޭގައި އެ ފަރާތްތަކަށް އަންގަން ޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް މަޖިލީހުން ވަނީ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހެއް ގެނެސް, ރޯދަމަހެއް ނިމޭތާ 10 ދުވަސް ފަހުން ނޫނީ އިންތިހާބެއް ނުބޭއްވޭނެގޮތައް ގާނޫނަށް އިސްލާހުގެނެސްފައެވެ.