ރައީސުލްޖުމްހޫރިއްޔާ ޑރ މުހއްމަދު މުއއްޒު، ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މުއިއްޒާއި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ ދެޤައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
“އޭގެ ތެރޭގައި ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި، ފަތުރުވެރިކަމާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނޭ. މީގެ އިތުރުން ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި,” -ރައީސް އޮފީސް-
މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާ ދެ ގާއުމާ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒާއި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވަމުންކަމަށް ރައީސް އޮފީހުން މިރޭ ބުންޏެވެ.