ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދުބާއީގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ ފޯރަމްގައި ބައިވެރިވެވަޑައިގެންފިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިއަދު ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ މަގުސަދުގައި ބާއްވާ މި ފޯރަމަކީ ދިވެހިރާއްޖޭގައި ހުރި ތަފާތު އިންވެސްޓްމަންޓް ފުރުސަތުތައް ދައްކުވައިދޭ ފޯރަމެއްކަމަށެވެ.
“މި ފޯރަމަކީ އިންވެސްޓް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގުޅިގެން ބާއްވާ ފޯރަމެއް. މި ފޯރަމްގައި، ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގެ އިތުރުން، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ޚާއްޞަ ފުރުޞަތުތައް ދައްކާލުމަށް ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުން އޮތް,” -ރައީސް އޮފީސް-
ރައީސުލްޖުމްހޫރިއްޔާ ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މި މަހުގެ 12 އިން 14 އަށް ބާއްވާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.