English Edition
Dhivehi Edition

ރަފަޙް ގައި އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުން ހިންގަމުން ގެންދާ އުދުވާނުތަކުން އެތަނުގައި ދިރިއުޅޭ އާންމުން ނަށް ހިމާޔަތް ދިނުމަކީ ޔަހޫދީ ފައުޖުތަކަށް އޮތް ވާޖިބެއް ކަމަށް ވައިޓް ހައުސްގެ ގައުމީ ސަލާމަތުގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވެއްޖެއެވެ.

ރަފަޙް ގައި އިސްރާއީލުން ހިންގާ އުދުވާނުތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ވައިޓް ހައުސްގެ ގައުމީ ސަލާމަތުގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ ރަފަޙް ގައި ދިރިއުޅޭ އާންމުންނަށް ހިމާޔަތް ދޭން ޖެހޭ ކަމަށާއި އެކަން ކުރުމަކީ ޔަހޫދީ ފައުޖުތަކަށް އޮތް ބޮޑު ވާޖިބެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރަފަޙް ގައި އިޒްރާއީލުގެ ފައުޖުތަކުން ހިންގަމުން ގެންދާ ގަތުލުއާންމުތަކުގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށާއި އެންމެ ބޮޑު ކަންބޮޑުވުމަކީ ރަފަޙް ގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ އާންމުންނާއި މެދު އޮތް ކަންބޮޑުވުން ކަމަށެވެ. އަދި މި ކަންބޮޑުވުންތައް ޔަހޫދީ ފައުޖުތަކާއި ވެސް ހިއްސާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން އުންމީދު ކުރަނީ އަދި އުންމީދަކީ ވެސް ޔަހޫދީ ފައުޖުތަކުން ރަފަޙް ގެ އާންމުންގެ ސަލާމަތަށް އެކަށީގެންވާ ގޮތެއްގައި ކަންތައް ކުރާނެ ކަމަށް،.” ވައިޓް ހައުސްގެ ގައުމީ ސަލާމަތުގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވެފައިވެއެވެ.

ޖޯން ކިރްބީ އިތުރަށް ވިދާޅުވީ އެމެރިކާއިން އިސްރާއީލަށް ރަފަޙް އަށް ނުވަނުމަށް އެދިފައި ނުވި ނަމަވެސް، އެތަނުގައި ތިބި އާންމުންގެ ސަލާމަތަށް އެއްވެސް ކަހަލަ ޕްލޭނެއް ނެތި އެފަދަ ފިޔަވަޅެއް އެޅުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި މިކަން އެމެރިކާއިން އިސްރާއީލަށް ތަކުރާރުކޮށް އެންގިފައި ވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ރަފަޙް ގެ އާންމުން ހިމާޔަތް ކުރުމަކީ އިސްރާއީލުގެ ފައުޖުތަކުގެ ވާޖިބެއް. އެކަން ކުރަން އެބަ ޖެހޭ.” ޖޯން ކިރްބީ ވިދާޅުވި އެވެ.

ރަފަޙްގައި ތިބި ގިނަ މީހުންނަކީ, ޣައްޒާގެ އުތުރުގައި ޔަހޫދީ ފައުޖުން ހިންގި ޢުދުވާނުން ސަލާމަތް ވާން އެ ރަށަށް ހިޖުރަ ކުރި ރެފިއުޖީންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ ޓެންޓުތަކާއި ވަގުތީ ހިޔާތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ.

މިވަގުތު ރަފަޙް ގައި 1.4 މިލިއަން މީހުން އެބަ ތިއްބެވެ.