ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަން އަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޯބަރު މަހުގައި ގެނައުމަށް ހަަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރު ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ.މުއިއްޒު ވެސް ވަނީ ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޯބަރު މަހުގައި ގެނައުމަށް ހަަމަޖެހިފައިވާކަމަށެވެ. މި އައު އެއަރކްރާފްޓް ގެނައުމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖެއިން އުދުހެން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ޖެނުއަރީ މަހު ވަނީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއަރކްރާފްޓް ގެނެސްފައެވެ. މި އެއަރކްރާފްޓް ގެނައުމާ ގުޅިގެން، މިހާރު ވަނީ ޗައިނާގެ 3 މަންޒިލަކަށް ސީދާ ދަތުރުތައް ފަށާފައެވެ.
މި ކާމިޔާބު ފިޔަވަޅުގެ ފަހުން، އިތުރު އެއަރކްރާފްޓެއް ގެނައުމަށް ނިންމާފައިވާކަމީ ޤައުމީ އެއަރލައިންގެ ހިދުމަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހުރިއްޔާ މަސައްކަތްޕުޅު ކުރައްވާކަމުގެ ހެއްކެކެވެ.