English Edition
Dhivehi Edition

ދެހާސް އަށާރަވަނަ އަހަރުން ފެށިގެން އައްޑޫސިޓީގެ ސްކޫލްތަކުގައި އިންޓަރހައުސް ބެޑްމިންޓަން މުބާރާތް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވީ އެކަމަށްޓާކައި އައްޑޫސިޓީ ސްކޫލްތަކާއި އެޑިޔުކޭޝަން މިނިސްޓްރީއާ މަޝްވަރާކޮށް އަހަރީ އެކްޓިވިޓީ ކަލަންޑަރުގައި ބެޑުމިންޓަން ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އައްޑޫސިޓީގެ ސްކޫލްތަކުގައި އިންޓަރހައުސް ބެޑްމިންޓަން މުބާރާތް ބޭއްވޭނެގޮތް ވެއްޖެކަމަށް ވާނަމަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޓަރސްކޫލް މުބާރާތެއް ރޭވުމަށް މަގުފަހިވެގެން ދާނެކަމަށް މޫސަ ވިދާޅުވިއެވެ.

އައްޑޫގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން ފިއެސްޓާގައި ސްކޫލް ދަރިވަރުން ތަމްރީން ކުރުމަށް ޝަޓްލް ޓައިމް ޓީޗަރުން ތައްޔާރު ކުރުމަށް ޚާއްސަ ކޮށްގެން ޝަޓްލްޓައިމް އިވެންޓެއްވެސް ވަނީ ހިމަނާ ފައެވެ. އެއީ އަލަށް ފަށައިގަންނަ ކުދިންނާއިދަރިވަރުން ތަމްރީން ކުރުމަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ގިނަ ކުޅިވަރުތަކަށް ކުދިން ނުކުންނަނީ ސްކޫލް ތަކުގެ ތެރެއިންކަމަށް ވާތީ އައްޑޫގައި ހިންގާ ޝަޓްލްޓައިމް އިވެންޓަށްފަހު ސްކޫލް ތަކުން ބެޑްމިންޓަން ކުޅޭނެ ކުދިން މިކޯހުގެ ބައިވެރިންގެ އެހީގައި އުފެއްދޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ބެޑުމިންޓަން އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ.