English Edition
Dhivehi Edition

އައްޑޫ އިކުއެޓޯރިއަލް ބެޑްމިންޓަން ފިއެސްޓާގައި ޕެރަބެޑްމިންޓަން ތައާރަފްކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ޕެރަބެޑްމިންޓަން އެސޯސިއޭޝަނެއް ޤާއިމްކުރުން ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ޕެރަބެޑްމިންޓަން އެސޯސިއޭޝަން އެކުލަވާލާނީ އައްޑޫ ސިޓީ މައިހަބަކަށް ވާގޮތަށް އައްޑޫސިޓީ ގައި ކަމަށެވެ.

މޫސަ ވިދާޅުވީ ކުރިއަށް އޮތްތާގައި ކުޅިވަރުގެ ގާނޫނުގެ ތެރެއިން ބެޑްމިންޓަން އެސޯސިއޭޝަން ފެޑެރޭޝަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެހިސާބުން ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ސަރަހައްދީ ބެޑްމިންޓަން އެސޯސިއޭޝަންތައް އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ 8 ސަރަހައްދެއްގައި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އުފައްދައި ކާމިޔާބު ކަމާއިއެކު ހަރަކާތްތެރިވަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ މިކަންކަމުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަންޑި އަކީ “ޓޯކިއޯ 2020 އޮލިމްޕިކްސް” ގައި ޕެރަބެޑްމިންޓަންގައި ދިވެހި އެތުލީޓުންގެ ޓީމެއް ތަމްސީލް ކުރުމެވެ.

އައްޑޫގައި މިހާރު ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން އެފަދަ އެތުލީޓުންގެ ޑާޓާބޭސް އެއް އެކުލުވާލުމުގެ މަސައްކަތްވެސް ފަށާނެކަމަށް މޫސަ ވިދާޅުވިއެވެ. ފިޒިކަލީ ޑިސްއޭބަލްޑް އެތުލީޓުން ދެނެގަނެ އެމީހުން ތަމްރީނު ކުރުމަށް ކޯޗުން އެފެއްދުމަށްއައްޑޫގައި މިހާރުވަނީ ބޭސިކް ތަމްރީން ޕްރޮގްރާމެއް ހިންގައިފައެވެ.

މިހާތަނަށް ޕެރަބެޑްމިންޓަން ކޯޗުންގެ ގޮތުގައި ރާއްޖޭގައިތިބީ ޖުމްލަ 5 ކޯޗުންނެވެ. އޭގެ ތެރޭގައި އައްޑޫސިޓީ އަށް ނިސްބަތްވާ ދެ ކޯޗުން ހިމެނެއެވެ.