English Edition
Dhivehi Edition

މިމަހު 15 އިން 23 އަށް އައްޑޫސިޓީގައި ބޭއްވި ބެޑުމިންޓަން ފިއެސްޓާއިން އެކުޅިވަރު ދިރުވައި ތަރައްގީކުރުމަށް ބޭނުންވާ އައުޚިޔާލުތައް ލިބިއްޖެ ކަމަށް ބެޑުމިންޓަން އެސޯސީއޭޝަންގެ ރައީސް މޫސާ ނާޝީދު ވިދާޅުވެއްޖެއެވެ.

ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތަށްފަހު އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ބެޑުމިންޓަން ކުރިއެރުވުމަށް މި ފިއެސްޓާއިން ލިބިގެންދިޔަ އައުޚިޔާލުތައް ބޭނުންކޮށްގެން މިހާރަށްވުރެވެސް ބޮޑަށް އެކުޅިވަރު އާލާކޮށް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މޫސަ ވިދާޅުވީ އައްޑޫގައި މިފަދަ ފިއެސްޓާއެއް ބޭއްވީ އައްޑޫގައި ބެޑުމިންޓަން ކުޅޭމީހުން އިތުރުވެ އަތޮޅުލީގުގައިވެސް ބައިވެރިވެ ރަނގަޅު ކާމިޔާބީތައް އައްޑޫއިން ހޯދަމުންދާތީއެވެ. އޭގެ އިތުރަށް އައްޑޫގައި ބެޑުމިންޓަން ކުރިއަރުވަން މަސައްކަތްކުރަމުންދާތަންވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ހެނދުނު ކަސްރަތަށް ނުކުންނަ މީހުންނަށް ބެޑުމިންޓަން ތައާރަފްކޮށް އެމީހުން އެކުޅިވަރުގެ ތެރެއަށް ވެއްދުމަށް މަސައްކަތްކުރުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އޭގެ އިތުރަށް ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބެޑުމިންޓަން ނުވަތަ ޕެރެބެޑުމިންޓަންގެ ތެރެއަށް އެމީހުން ވެއްދުމަށް މަސައްކަތްކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ” އެހެންވީމާ އެ ދެސެކްޓަރގެ މީހުން އިތުރުވާނެ ކަމަށް މިބަލަނީ،” މޫސަ ވިދާޅުވިއެވެ.