ދިވެހި ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް މޮޅެއް ނެތްކަމަށާއި މިކަމަށް ދައުލަތުގެ އެންމެހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެންބަރުން ވިސްނާ ވަޑައިގައިތުމަށް ދަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށް ފަހު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީން ތިން ބާރު ވަކިކޮށް ގާއިމް ކޮށްފައިވާ އިރު އެއްބާރު އަނެއް ބާރަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.
“ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހްތިރާމްކުރަން ޖެހޭނެ . އެކަން އެގޮތަށް ނުކުރާ ނަމަ ދައުލަތުގެ ހަމަ ގެއްލިދާނެ . އަދި އެއީ ދައުލަތަށް ހެވަކަށް ވާނެ ކަމެއް ވެސް ނޫން ” އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މި މޭރުމުން ވާހަކަ ދެއްކެވީ ތިން މިނިސްޓަރަކަށް ރުހުން ނުދިނުމަށް މަޖިލީހުން ނިންމާފައި ވަނިކޮށް އެ މިނިސްޓަރުން އަލުން އެ މަގާމްތަކަށް އައްޔަންކުރަން ސަރުކާރުން ނިންމާފައި ވަނިކޮށެވެ.
މަޖިލީހުން ރުހުން ނުދޭން ފާސްކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަށެވެ.
މި މައްސަލައާއި ގުޅިގެން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއިން މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރި ނަމަވެސް ރައީސަށް މަރުޚަބާ ދަންނަވައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ.
ރިޔާސީ ބަޔާން އިއްވަވަން ފުރުސަތު ދެއްވުމުގެ ކުރީގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ޖަލްސާ ބޮއިކޮޓު ކުރި ސަބަބު އިއުލާނު ވެސް ކުރައްވަވާފައެވެ.