English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރާއްޖޭގައި ވަޒީފާ އަދާކުރެވޭ އެންމެ ދޮށީ އުމުރު 75 އަށް ބަދަލު ކުރަން ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ހިދުމަތުގައި މެދުކެނޑުމެއް ނެތި ދިގު ޒަމާނެއް ހޭދަކުރުމަށް ފަހު، އުމުރުން 65 އަހަރު ވާއިރަށް ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔާވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް އުނދަގޫ ހާލަތެއް ކަމަށެވެ.

އެހެންކަމުން އުމުރުން 65 އަހަރު ފުރުމުން އެގްރިމަންޓް އުސޫލުން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އުމުރުން 75 އަހަރު ވަންދެން މަސައްކަތް ކުރެވޭނެ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މިއަހަރު އިސްރަށްވެހީންގެ ޚާއްޞަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އިސްރަށްވެހީންގެ ޚާއްޞަ އިޖްތިމާޢީ މަރުކަޒުތަކެއް މާލެއާ އަތޮޅުތަކުގައި ޤާއިމުކުރަން ކެބިނެޓުން ނިންމާ، އެމަސައްކަތްވެސް ވަނީ ހަފްތާ 14ގެ ތެރޭގައި ފެށިފައިކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މާލޭގެ މި ފަދަ ފުރަތަމަ މަރުކަޒު މި މަހުގެ ތެރޭގައި ހުޅުވޭނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއަރ ސެންޓަރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ޤާއިމު ކުރުމަށް ކަނޑައަޅާފައިވާ ކަަމަށެވެ.