English Edition
Dhivehi Edition
ރައީސް މުއިއްޒު މިއަދު ރިޔާސީ ބަޔާން ދެއްވަނީ: ފޮޓޯ މަޖިލިސް

ދިވެހިރާއްޖޭގައި ގާއިމްވެގެން ތިބި އިންޑިއާ ސިފަިއން ރާއްޖެއިން ބޭލުމަށް އިންޑިއާއި ދިވެހިރާއްޖެއާއި ދެމެދު އެއްބަސްވެފައިވާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ, ދިވެހިރާއްޖޭގައި ތިބި “އުތުރުކަރައިގެ ސިފައިން ގެންގޮސްދެއްވުމަށް އެ ކަރައިގެ ސަރުކާރުގައި ވާނީ ދަންނަވާފަ,” ކަމަށެވެ.

މިގޮތުން ރައީސް ވިދާޅުވީ, އެންމެ ފަހުގެ މަޝްވަރާތަކުގައި އެއްބަސްވެފައިވަނީ ދިވެހިރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއިން ގާއިމްވެތިބި ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން, އެއްބަޔަކު އަންނަ މާޗުމަހުގެ 10 ވަނަ ދުވަހުގެ ކުރިން ގެންދާނެކަމަށެވެ.

“މީގެ އިތުރުން ރާއްޖެގެ އިންތަކާއި ކަނޑުއަޑީގެ ޗާޓުކުރަހައި ކަންކަންބެލުމުގެ އެއްބަސްވުން އާނުކުރާނެވާހަކަވެސް މިހާރުވާނީ ރަސްމީ ހަމަތަކުގެ މަތިން ދަންނަވާފަ,” – ރައީސް މުއިއްޒު-

މީގެ އިތުރުން ރާއްޖޭގެ ކަނޑުން ގެއްލުނުބައި ހޯދުމުގެ މަސައްކަތް ވެސް ތަޖުރިބާކާރުންގެ ޓީމަކުން ކުރަމުން އަންނަކަމަށް ރައީސް މިއަދު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވިއެވެ.

ސަރުކާރުން އެންމެ ފުރަތަމަ ބުނެފައިވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ހޯދުނު ހޯދުންތަކުން ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ތިބިކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް ޑިސެންބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އިންޑިއާ ސިފައިންގެ އަދަދު މިހާރު 89 ކަށް އަރާ ކަމަށެވެ. އަދި އެ އަދަދު އެއަށްވުރެ ވެސް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއީ، އަދިވެސް އެ ކަންކަން ސާފުކުރުމުގެ މަސައްކަތްތައް އެއްކޮށް ނުނިމޭތީ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.