English Edition
Dhivehi Edition
ފޮޓޯ: މަޖިލީސް

ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން އިސްވެ، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ކުރީ ސަރުކާރުން ‘ބިންވެރިޔާ’ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާ ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، ހުށަހެޅި ބިލު މަޖިލީހުން ފާސްކުރި ނަމަވެސް ރައީސް ވަނީ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްްވައިފައެވެ.

ބިލާ މެދު އަލުން ގޮތެއް ނިންމުމަށް ބަހުސްކޮށް އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ބިލު ކޮމިޓީއަށް ފޮނުވައި އަލުން ދިސާރާކުރުމަށް ނަމަވެސް އެކަމަށް ނެގި ވޯޓުގައި 75 މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ، އެކަމާ އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުން ކަމުން އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ. އަދި އެ ހުށަހެޅުން ފާސްނުވުމާ ގުޅިގެން މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ބިލް އޮތް ގޮތަށް ފާސްކުރަން ވޯޓު ނެގި ނަމަވެސް، ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހުން ވޯޓު ދިނީ ބިލު ބޭރުކޮށްލުމަށެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 76 މެންބަރުން ވޯޓު ދެއްވިއިރު ފާސްކުރަން ވޯޓު ދިނީ އެމްޑީޕީގެ މެންބަރުންގެ އެކަންޏެވެ.

މި ބިލާއި ބެހޭ ގޮތުން މިއަދު ކުރިއަށް ދިޔަ ބަހުސްގައި ޕީއެންސީގެ މެންބަރުން ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ދައުރު ނިމެން ކައިރިވުމުން ވިސްނުމެއް ހިޔާލެއް އަދި ފިކުރެއް ނެތި ކޮށްފައިވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.