ހުޅުމާލޭގައި، އާންމުންނަށް ފިޓްނަސްގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ މަޝްހޫރު ލެގަސީ ފިޓްނަސް ގައި އަންހެނުންނަށް ޚާއްޞަ ޖިމެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ލެގަސީން ބުނެފިއެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހަށް ޚާއްޞަ ކޮށްގެން ހުޅުވުމަށް ތައްޔާރުވަމުން އަންނަ މި ޖިމްގައި މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނުރަސްމީކޮށް ޕްރޮގްރާމްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަންހެނުންނަށް ޚާއްޞަ ޖިމްގައި އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާނީ ފިޓްނަސްގެ ދާއިރާއިން ތަޖުރިބާކާރު އަންހެން އިންސްޓްރަކްޓަރުންނެވެ.
” އަންހެނުންނަށް ޚާއްޞަ ކޮށްގެން ހުޅުވާ ޖިމްގަައި ބައިވެރިވާ އަންހެން ބޭފުޅުންނަށް ވަކިން ޚާއްޞަ ތަނެއް ކަނޑައަޅާފައި ހުންނާނެ. އެތަނަށް ވަދެވޭނީ ހަމަ އެކަނި އަންހެނުންނަށް. އެތަނުގައި ކަނޑައެޅޭ ވަކި ޚާއްޞަ މެޝިން ތަކެއް ހުންނާނީ. އެހެންވިޔަސް އެބޭފުޅުންނަށް ލެގަސީގެ ހުރިހާ މެޝިނަރީސް ތައް ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ.” އަންހެނުންނަށް ޚާއްޞަ ކޮށްގެން ހުޅުވާ ޖިމްގެ އެމްޑީ މައުސޫމާ މުޙައްމަދު ކިޔައިދެއްވިއެވެ.
މިދިޔަ އަހަރުގެ މާޗް މަހުގައި ލެގަސީ ހުޅުވައި އެތަނުގެ ޚިދުމަތް ދޭން ފެށިއިރު ބޭނުންކުރަމުން އައީ ހަމަ އެކަނި މަތީ ފްލޯގައި ހުންނަ ބައެވެ. ނަމަވެސް މިދިޔަ އަހަރުގެ މެދުތެރޭގައި އެތަނުގެ ޖާގަ ބޮޑުކޮށް 2 ފްލޯގައި މެޝިނަރީސްތައް ބަހައްޓައި ބޭނުންކުރަން ވަނީ ފަށާފައެވެ.
ހުޅުމާލެ އަމީން އެވެނިއު ބިލްޑިންގައި ހުޅުވި ފިޓްނަސް ސެންޓަރ “ލެގަސީ ފިޓްނަސް” އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޖާގަ ތަނަވަސް ޒަމާނީ ޖިމެވެ. ރީތި ހިތްގައިމު ވިއު އަކާއި އެކު ކަސްރަތު ކޮށްލެވޭ މި ޖިމުގައި ހުންނަނީ އެންމެ ޒަމާނީ، ފަހުގެ އިކުއިޕްމަންޓެވެ.
ލެގަސީން ލިބޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ޕޯސްޓް ސާޖަރީ ރިހެބިލިޓޭޝަނާއި ސްޕޯޓްސް އިންޖަރީ މެނޭޖްމަންޓުގެ އިތުރުން ވެއިޓް ޓްރެއިނިން ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއް ކަމަށްވާ ފިޓްނަސް އެޑިޓްރެއިނިން އޭޝިއާ ( އެފްއީއޭ) އާއި ގުޅިގެން ކޭމްޕް އިންސްޓްރަކްޓަރ ކޯސް ތައް ފަދަ ކާމިޔާބު ޕްރޮގްރާމު ތައް ވެސް ލެގަސީން ދަނީ ހިންގަމުންނެވެ.