English Edition
Dhivehi Edition
ބޫޓް ކޭމްޕް އިންސްޓްރަކްޓަރ ކޯހުގެ ބައިވެރިން/ ފޮޓޯ ލެގަސީ

ހުޅުމާލޭގައި ހިންގަމުން އަންނަ ލެގަސީ ފިޓްނަސް އިން ކުރިއަށް ގެންދިޔަ ބޫޓް ކޭމްޕް އިންސްޓްރަކްޓަރ ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއް ކަމަށްވާ ފިޓްނަސް އެޑިޓްރެއިނިން އޭޝިއާ ( އެފްއީއޭ) އާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ލެގަސީ ފިޓްނަސް ގައި ޖޫން މަހުގެ 10 އަދި 11 މި ދެދުވަހު، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

17 ފަރާތަކުން ވަނީ އިންސްޓްރަކްޓަރ ބޫޓް ކޭމްޕް ގައި ބައިވެރިވެ ޓްރެއިނިންގ ފުރިހަމަކޮށް ސެޓްފިކެޓް ހޯދާފައެވެ.

ލެގަސީ ފިޓްނަސް ގެ މެނޭޖިންގ ޑައިރެކްޓަރ ރިޔާޝް ރިޔާޒް ބުނީ ކުރިއަށް އޮތް ތަނުގައި ލެގަސީ އިން މިފަދަ އިތުރު ޕްރޮގްރާމް ތައް ކުރިއަށް ގެންދާނެ ކަމަށެވެ.

“މިފަދަ ޕްރޮގްރާމްތައް ޑިޒައިން ކުރުމުގެ ބޭނުމަކީ ގުރޫޕް ފިޓްނަސް ޕާރސަނަލް ޓްރެއިނިންގ ނުވަތަ ބޫޓްކޭމްޕަށް ޝައުގުވެރިކަން ހުންނަ ކުދިން ގިނަ ވުމުގެ ސަބަބުންނާއި އަދި އެކަމަށް އޮތް ލޯތްބެއްގެ ސަބަބުން އެކަމަށް އަމާޒުކޮށް ސެޓްފިކޭޝަން ޕްރޮގްރާމް ހިންގުން”

ރިޔާޝް ބުނީ ލެގަސީ ފިޓްނަސް ފެށިގެން ދިޔައީވެސް ހަމަ އެފަދަ ވިސްނުމަކަށް ކަމަށާއި އަމާޒަކީ ޒުވާނުން ބާރުވެރިކޮށް މިދާއިރާން ކުރި އެރޭނެ ފުރުސަތުތަކެއް ހުޅުވައި މި ދާއިރާގައި މަސައްކަތް ކުރާ ކުދިންނަކީ އެކަމަށް ގާބިލް ސަނަދެއް އޮތް ބަޔަކަށް ހެދުމާއެކު ދުޅަހެޔޮ ޖީލެއް ބިނާ ކުރުންކަމަށެވެ.

ގިނަ އަދަދެއްގެ ޓްރެއިނިން ޕްރޮގްރާމްތަކާއި ފިޓްނަސް ޕްރޮގްރާމްތަކެއް މީގެ ކުރިން ހިންގި، ތަޖުރިބާކާރު ޓީމަކާއެކު ހުޅުމާލޭގައި ލެގަސީ ފިޓްނަސް ހުޅުވާފައިވަނީ މިއަހަރުގެ މާޗް މަހުގައެވެ.