English Edition
Dhivehi Edition

ބޮޑުދައިތަ ބަލި އެނދުގައި އޮވެގެން އެންމެ ފަހުން މާޝާގެ ގާތު އެ ދެއްކިވާހަކަ އަކީ އޭނާގެ ދިރިއުޅުމުގެ މުސްތަގުބަލް ކުރަހާލެވުނު ޗާޓު ކަމުގައި ވިއެވެ. “ޝިހާދުއާ އިނދެގެން ރީއްޗަށް އުޅޭ. ތިޔަ ޝިނާޒުއަކަށް ދެން ބަލަން ހުންނާނެކަމެއްނެތް.” އޭނާ އެ ދިޔައީ..

ޝިނާޒަކީ މާޝާ އަހުމަދިއްޔާއިން ރައްޓެހިވި ކުއްޖެކެވެ. އޭނާ ކިޔަވަން މެލޭޝިޔާއަށް ގޮސްފައި އެތަނުން ކުއްޖަކާ ހިތާވީއެވެ. މާޝާ އެތައް އަހަރަކު އެކަމާ ހިތާމަކޮށް ރޮއިހެދިއެވެ. އެހެންނަމަވެސް ގެއްލިއްޖެ ލޯތްބަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އޭގެފަހުން އޭނާއަށް އެހެން ކުދީން ހުށަހެޅި ހުރިހާ ހުށަހެޅުމެއް އަބުރާ ފޮނުވާލީއެވެ.

ބޮޑު ދައިތަ ބުންޏެވެ. “ޝިހާދު އަކީ ކަލޭގެ ރީތި ކަމާ އަޅާ ބަލާލެވޭ ވަރުގެ ފިރިހެނެއް ނޫން. އެކަމަކު އޭނައަކީ ރަނގަޅު ބަސްމަދު މީހެއް. މި ޒަމާނުގެ މީހުން އުޅޭހެން ވިޔާ ނުދާވެގެން ރަށުތެރެއަށް ގިނަވެގެން އުޅޭ މީހެއް ނޫން. އޭނާ އާ ކަލޭ އިނދެފިއްޔާ އޭނާގެ ލޮލުގެ ކޮއިހާ ލޯބިން ގެންގުޅޭނެ”.

ޝިހާދުއަކީ ކުޑައިރު ކުޑަ ހުވަދޫން މާލެއައިސްފައި ހުރި ކުއްޖެކެވެ. ގެއެއްގައި ގެންގުޅޭ ކުއްޖަކަށް ހުރުމަށް ފަހު އެކިތަންތަނުގެ އެކި ވަޒީފާގައި އުޅެމުން އައިސް މިހާރު އުޅެނީ ޓެކްސީއެއް ނަގައިގެންނެވެ. އޭނާއަކީ ބޮޑުދައިތައާ ދުރުތާ ތިމާގެ މީހެކެވެ. އެހެންކަމުން ވަރަށް ގިނައިން މާޝާމެންގެގެ ބަހައިގެން މަންމައަށް ލިބިފައިވާ ބަޔަށް، “ގ. އަރުމާނަށް” އައިސް އުޅެއެވެ. މަންމަ ނިޔާވި ފަހުންވެސް ބޮޑުދައިތަގެ ރައްޓެހިކަމުގައި އައިސް އުޅެއެވެ.

މާޝާގެ މަންމަ ޒާހިދާ ނިޔާވީ ބައްޕަ ނިޔާވިތާ ތިންމަސްވެސް ނުފުރެނީހެވެ. އޭގެފަހުން އޭނާގެ ހުރިހާ ކަމެއް ބަލަހަށްޓަން ބޮޑު ދައިތަ ސަކީނާ އެގެޔަށް ބަދަލުވެއްޖެއެވެ. ސަކީނާ ހުންނަނީ ހުވަފަތް ވެފައެވެ. ހުރި އެންމެ ދަރިފުޅު އުޅެނީ ބޯޓު ދަތުރު ކުރާށެވެ. ސަކީނާ މިހާތަނަށް އުޅުނީ ދަރިފުޅު އަހުމަދު ކުއްޔަށް ހިފާފައި ހުރި ކޮޓަރިއެއްގައެވެ. ފަހުން އަހުމަދު ލާރި ނުފޮނުވާތީ އެތަނަށް ކުލި ނުދެއްކިގެންވެސް އުޅެން ޖެހިފައިވެއެވެ.

ސަކީނާ އަރުމާނަށް ބަދަލުވުމުން ކުލިދެއްކުމުގެ ފިކުރުން ސަލާމަތްވިއެވެ. ކެއުންބުއިމާއި އެހެންވެސް ގޭތެރޭގެ އެކި ކަންކަމަށް ޚަރަދު ކުރުމަށް ހަނާކުރި ފޯއް ޕެކެޓް ތައްޔާރުކޮށް ވިއްކާ ހެދިއެވެ. މި ކަމަކުން މާޝާއަށް ކިޔަވަން ފޮނުވޭ ވަރެއް ނުވެއެވެ. ކުރީކޮޅު މާޝާގެ ބައްޕައާ އެއްބަނޑުއެއްބަފާ ހާރޫނު ކޮންމެވެސް ވަރަކަށް ފައިސާކޮޅު ދީ އުޅުނަކަސް އޭނާގެ އަނބި މީހާ އެކަމާ ނުރުހިގެން އެއްޗެހި ކިޔާތީ މާ ގިނަ ލާރިއެއް ނުދެވެއެވެ. މާޝާ ކިޔަވަން ދިއުން ހުއްޓާލިއިރު އޭނާ އުޅެނީ ގްރޭޑް ނުވައެއްގައެވެ.

މާޝާ ބޮޑުދައިތައަށް އެހީވެ ހަނާކުރި ފޯކާއި ހަވާދު ޕެކެޓް ހަދައި އެ ވިއްކައި ހަދަން އުޅެއެވެ. އެގޮތުން އޭނައަށް ބޭނުންވާ ހެދުންތަކާއި ރީތިވާ ސާމާނު ހޯދައި ފޯނާއި އަދި ގެޔަށް ކޮމްޕިއުޓަރެއްވެސް ހޯދައިފިއެވެ.

މާޝާ ރައްޓެހިވެގެން އުޅުނު ކުއްޖާގެ ގުޅުން ކެނޑުމުން އޭނާގެ ދިރިއުޅުމަށް އެކަމުން އަސަރުކޮށް ހިތާމައިގައި އުޅޭތަން ބޮޑު ދައިތައަށް ފެނުނެވެ. އެހެންވެ ބޮޑު ދައިތަ ބުންޏެވެ.

ދެން ތިހެން ގިނަ ދުވަހު ހުސްކޮށް އުޅުމުގެ ބޭނުމެއް ނެތް.” ބޮޑު ދައިތަ ވިސްނައިދިނެވެ. “ކިތަންމެ ވަރަކަށް ރުޔަކަސް ތިޔަ ހިތާމައެއް ނުފިލާނެ. ދައްތައަށް ފެންނަނީ މާޝާ އަވަހަށް މީހަކާ އިންނަން. ތިޔަހެން ގިނަދުވަހު ހުސްކޮށް އުޅެން ފެށީމާ އެންމެފަހުން ދިރިއުޅުން ދެކެ ފޫހިވެ މީހަކާ އިންނަހިތްވެސް ކެނޑިދާނެ. ޝިހާދު އާ އިނދެގެން ރީއްޗަށް އުޅެބަލަ. ކޮންމެ މީހަކާ އިނަސް ވާނީ އެއްގޮތެއް. ލިބޭނީ ދަރިން. ލިބުނީމާ ދަރިން ރަނގަޅުގޮތުގައި ބެލެހެއްޓީމާ އެއޮތީ ދިރިއުޅުމެއް ލިބިފައި. މި ޒަމާނުގައި މިއުޅޭ ކަހަލަ ވިޔާ ނުދާ މީހަކާ ޖެހިއްޖެއްޔާ ގިނަ ދުވަހެއް ނުވެ ތަޅާއަނިޔާ ކުރަން ފަށާނެ. ދަރިން ލިބިއްޖެއްޔާ އެއޮތީ ކަންތަކާ ލައިގެންފައި. ދިރިއުޅުން ޚަރާބުވެދާނެ”.

ބޮޑު ދައިތަ މި ކަހަލަ ވާހަކައެއް ގިނަ ފަހަރަކު ނުދައްކާނެއެވެ. އެކަމަކު ދައްކާއިރު ފޫހިވާހާ ދިގުކޮށް އެވާހަކައެއް ދައްކާނެއެވެ. “ޝިހާދުއަކީ ބަސްމަދު ރަނގަޅު ކުއްޖެއް. ކަލެއަކަށް ދެރައެއް ނުދޭނެ. އޭނާ ކަލޭ ރަނެއް މަލެއްހެން ބަލަހަށްޓާނެ”.

އަނެއް ދުވަހު ހެނދުނު ބޮޑު ދައިތަ ސައި ހަދަން ނުހޭލައިގެން މާޝާ ގޮސް ބެލިއިރު ސަކީނާ އޮތީ ނިޔާވެފައެވެ.

ގާތް ރައްޓެހިންނާއި ދުރުތާ ތިމާގެ މީހުން ސަކީނާ ވަޅުލުމުގެ ކަންތަކުގައި އުޅެ އިރުއޮއްސުނު އިރު އެކަންތައް ނިންމާލައިފިއެވެ.

އެރޭ ޝިހާދު އައިސް މާޝާއަށް ކާވެނި ހުށަހެޅިއެވެ. އަދި ލޯބިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށްވެސް ބުންޏެވެ.

މާޝާއަކީ ކިތަންމެ ރީތި ކުއްޖެއް ނަމަވެސް ގެއިން ބޭރަށް ނުކުމެ ނޫޅޭކަމުން ގިނަބަޔަކާ ބައްދަލުވެ އުޅެވިފައެއް ނުވެއެވެ. އެހެންކަމުން ޝިހާދުގެ މި ހުށަހެޅުން އޭނާ ގަބޫލު ކޮށްފިއެވެ. އެއީ ބޮޑު ދައިތަގެވެސް އެދުމުގެ މަތީންނެވެ. މާޝާ އާނބަސް ބުނުމާއެކު ކާވެނީގެ ކަންތައް އިސާހިތަކު ނިމިއްޖެއެވެ.

 

މާޝާއާއި ޝިހާދާއި ދެމީހުން އެމީހުންގެ ކުޑަ ގެ، ކޮޓަރިއަކާއި ބަދިގެއަކާއި ސިޓިން ރޫމު ރީތިކޮށް ފަހާމާނު ހަމަކޮށްގެން ރީއްޗަށް ދިރިއުޅެން ފަށައިފިއެވެ.

ވޭތިވެ ތިންމަހާއި ފޮއި ދުވަސް ދިޔައީ އޮމާން އަމާން ހިތްގައިމު ދުވަސްތަކެއްގެ ގޮތުގައެވެ. މާޝާ ދެކެ ޝިހާދު އިންތިހާއަށް ލޯބިވަމުން ދާއިރު މާޝާއަށް ވެސް ލިބެމުންދަނީ މިހާތަނަށް ދުވަހަކުވެސް ހިއްސާ ކުރެވިފައި ނުވާ ކަހަލަ އުފަލަކާއި އަރާމެކެވެ.

އާކާވެންޏެއްގައި ޒުވާން ކަމުގެ ފޮނި ފޮނި ދުވަސްތައް ހޭދަވަމުންދަނީ ހީވެސް ކުރެވިފައި ނުވާފަދަ އުފާވެރި ކަމާއެކުގައެވެ. ދެރައީ މި އުފާވެރިކަން ދެކެން މައިންބަފައިން ދުނިޔޭގައި ނެތްކަމެވެ. އެންމެފަހުން އެކުގައި އުޅެމުން އައި ބޮޑު ދައިތަވެސް ނިމި ދިޔަކަމެވެ.

ޝިހާދުގެ ދެގޮތެއް ނުވާ ލޯބީގެ ފިރުމުންތަކާއި ބީހުންތަކުން މާޝާގެ ހިތާއި ނަފުސަށް ލިބެމުންދިޔަ މިންވަރެއްނެތް ހިތްހަމަ ޖެހުމާއި އަރާމުގެ ތެރޭގައި ބޮޑު ދައިތަ ނިޔާވުމުގެ ހިތާމައިގެ ދުވަސްތައް ހަލުއި ކަމާއެކު ހުލިވެގެން ހިނގައްޖެއެވެ. މިހާރު މާޝާގެ ހުރިހާ ވަގުތެއްވެސް ހޭދަކުރެވެނީ ގޭގެ އެކިތަންތަން ރީތި ކޮށް ސާފުކޮށް ހެދުމަށެވެ. އެއީ ޝިހާދު އަންނަ އިރު އޭނާއަށް އެތަންފެނި އިތުރު އުފާތަކެއް ލިބޭތީއެވެ. އޭނާގެ އަނބިމީހާގެ ރީތި ކަމުގެ އިތުރަށް އޭނާގެ އުޅުމާއި ސާފުތާހިރުކަން ފެނި ޝިހާދު ހުންނަނީ އުފަލުން ފުރިފައެވެ. ކިތަންމެ އަވަހަކަށް ގެޔަށް އަޔަސް މާޝާ އޭނާއަށް އިންތިޒާރު ކުރާތަން ފެނުމުން އޭނާއަށް ދުނިޔެމަތީގެ ސުވަރުގެ ލިބިފައިވާ ފަދައެވެ.

މާޝާ މިގޮތުގައި ވަގުތު ހޭދަކުރަމުންދާއިރު ކޮންމެވެސް ވަރަކަށް އޭނާގެ ސްކޫލުގެ ރަހުމަތްތެރިންވެސް އައިސްއުޅެއެވެ. އެކުގައި ސައިބޮއި ކަސޯޓީބަލައި ހެދުމުގައި އޭނާއާއެކު އެމީހުން ވަގުތު ހޭދަކުރެއެވެ. އެހެންނަމަވެސް މިފަދަ ވަގުތު އަންނަނީ ވަރަށް މަދުންނެވެ. އެގޮތަކީ މާޝާހެން އެކުދިންނަކަށް އެ މިނިވަން ކަމެއް ނޯވެއެވެ. ދުވަސްކޮޅަކުން އެމީހުންވެސް އަމިއްލަ ދިރިއުޅުމާ ދިމާއަށް އެނބުރި އަމިއްލަ ވަޒީފާއަކަށް ނުކުމެދެއެވެ.

މާޝާގެ ގާތަށް އެންމެ ގިނައިން އައިސް އުޅޭ ފާތުން ވަޒީފާއަކަށް ދިޔަފަހުން މާޝާގެ ފޫހިކަން އިތުރުވާން ފަށައިފިއެވެ. ފަހުން ފަހުން ޝިހާދު ގެޔަށް އައުންވެސް ލަސްވާން ފަށާފައިވެއެވެ.

ޝިހާދު ލަހުން ގެޔަށް އައުމުން މަސްއަލައަކަށް ވަނީ މާޝާ އެކަނި ގޭގައި ހޭދަ ކުރާ ވަގުތު ގިނަވާކަމެވެ. އެކަމަކު ގިނައިރު ވަޒީފާގައި އުޅުމުން ޝިހާދަށް ލިބޭ ފައިދާވެސް ބޮޑެވެ. އޭނާ މިހާ މަސައްކަތް މި ކުރަނީ އަމިއްލަ ކާރެއް ގަތުމަށް ފައިސާ އެއްކުރުމަށް ކަމަށް އޭނާ ބުންޏެވެ. އެއީ މާޝާވެސް ނުރުހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ގިނައިރު އެކަނި ގޭގައި އިންނަންވީމާ ފޫހިވެގެން އެކަމާ ބައެއްފަހަރު ވާހަކަ ދެއްކޭތަން އާދެއެވެ.

ޝިހާދު ބުނާ ވާހަކައަކީ މާޝާއަށް ހިތްހަމަ ޖައްސަން ބޭނުންވާނެ ހުރިހާ އެއްޗެއް ހޯދައި ދީފައިވާނެ ކަމަށެވެ. ޓީވީއާއި ކޭބަލް ޓީވީ ހުރެއެވެ. ބޭނުންނަމަ ޑީވީޑީ ބަލާލެވެން ހުރެއެވެ. ގޭގައި ގެންގުޅޭނެ ކުއްޖެއް ހޯދަން ޝިހާދު މަސައްކަތް ކުރަމުން ދިޔައެވެ. އޭރުން މާޝާއަށް އެކިކަންކަމުގައި އެހީތެރިވުމުގެ އިތުރަށް ޝިހާދު ގޭގައި އުޅޭ އިރު ފޫހިވެސް ފިލާނެއެވެ.

ޝިހާދު އެގޮތުން ގޭގައި އުޅޭނެ ކުއްޖަކު ހޯދުމަށް ކުރި މަސައްކަތަށް އެދެވޭ ނަތީޖާއެއް ނުފެނި ދުވަސްތައް ދާން ފެށުމުން މާޝާއަށް މިކަމާ ވަރަށް ފޫހި ބޮޑުވެއްޖެއެވެ. އޭނާ ފާތުންއާ މިކަމާ ބެހޭގޮތުން މަޝްވަރާ ކުރިއެވެ.

”އަހަރެން މިކިޔަނީ ތިޔަވާހަކައެއް ނު؟” ފާތުން ލަފާދިނެވެ. “މާޝާވެސް މިތަނަށް ޖޮއިން ކުރަންވީނު. އޭރަކުން ފޫއްސެއް ނުވާނެ. މިއީ އުޅެން ފަސޭހަ މުސާރަވެސް ރަނގަޅު ތަނެއް. އަހަރުމެން ދެމީހުން އެކީ މަސައްކަތް ކޮށްލާފައި އޭރުން އެކީ ގެޔަށް އާދެވޭނެއެއްނު؟”

އެއީ މާޝާއަށް ވެސް އެންމެ ގަބޫލު ކުރެވޭގޮތެވެ. ފާތުން އޮފީހުގައި އުޅޭ އިރުވެސް ފޫހިވީމާ މާޝާ ގުޅާނީ ފާތުން އަށެވެ. ދެމީހުން އެކީ އެއް އޮފީހެއްގައި އުޅެވޭގޮތް ވުމަކީ މާޝާވެސް އެންމެ ރުހޭ ގޮތެވެ.

މިތަނުގައި އެސިސްޓަންޓް ސޭލްސްގައި އުޅޭ ކުއްޖާ ކެނޑެން ސިޓީލީ އިއްޔެ.” ފާތުން ޝައުގު އުފައްދަމުން ބުންޏެވެ.” މާޝާއަށް އެ ވަޒީފާ ވަރަށް ފިޓްވާނެ. އެތާނކު ނުޖެހޭނެ ޝޮޕަށް ގޮސް އުޅޭކަށް. ޖެހޭނީ މަދުވާ އެއްޗެހި އޯރޑަރ ލިސްޓް ލިބުނީމާ އެއެއްޗެއްސަށް އޯޑަރކޮށް އެއްޗެހި ހަމަކޮށް ސޭލްސް ޑިޕާޓްމަންޓަށް ފޮނުވާދިނުން”

އެރޭ ޝިހާދު ގެއަށް އައީމާ މާޝާ މިކަން ހުށަހަޅައިފިއެވެ. އެހެންނަމަވެސް މިއީ ޝިހާދު މާކަ ގަބޫލު ކަމަކަށް ނުވިއެވެ.

މާޝާ އިތުރަކަށް އެއްޗެއް ނުބުނެއެވެ. އަދި އެ ރެއަކު ދެމީހުންގެ ދޭތެރެއަކު މާ ގިނަ ވާހަތަކެއްވެސް ނުދެކެއެވެ. ޝިހާދަށް ކާން ހަދާދީފައި ސައިތަށިވެސް ނަހަދައި ގޮސް ނިދަން ވަދެއްޖެއެވެ.

ޝިހާދު މުޅި އެރޭ ނުނިދިފައި އޮންނަން ޖެހުނެވެ. އޭނާ ވިސްނަމުން ދިޔައެވެ. މާޝާގެ ރުހުން އޭނައަށް ނުލިބޭނަމަ އޭނާގެ ދިރިއުޅުމުގައި އޮތީ ކޮން އުފަލެއްހެއްޔެވެ؟ އެހެންނަމަވެސް އޮފީހަށް ވަންނަތަނުން އެހެން މީހަކު މާޝާ ޖަހައިގެންފިއްޔާ އޭނާ ކިހާ ދެރަވާނެހެއްޔެވެ؟ މިޚިޔާލުގައި އޮވެ ފައި ފަތިސްވީމާ ހޭލައިގެން އެހެން ރޭރެއެކޭ އެއްފަދައިން މަސައްކަތަށް ނުކުމެއްޖެއެވެ. އެހެންނަމަވެސް އެހެންޏާ މާޝާ ތެދުވެ ކޮފީތަށްޓެއް ދޭ ގޮތަކަށް އެދުވަހަކު އޭނައަކަށް ކޮފީއެއް ނުދޭކަމެވެ. އޭނާގެ ހިތަށް އެރިއެވެ. އެހެން މީހުންގެ އަނބިންވެސް އޮފީސް އޮފީހަށް ދޭތާއެވެ. ދާތަނުން އެހެން މީހަކާ ގުޅިގެނެއްވެސް ނުދެއެވެ. މާޝާއަކީ ރަނގަޅު ކުއްޖެކެވެ. އެހެންވީމާ އޭނާ އެދޭގޮތެއް ހަދައިދޭންވީއެވެ. އެހެންނަމަވެސް މާޝާގެ ރީތިކަން ހިތަށް އަރާފައި އޭނާގެ ހިތަކަށް މިކަމަށް ހުއްދަ ދޭކަށް ކުޅަދާނައެއް ނުވިއެވެ.

ފާތުންއާއި މާޝާ އެދުވަހު އެ ވަޒީފާގެ ވާހަކަ ވަރަށް ދިގުކޮށް ދެއްކިއެވެ. އަދި މާޝާއަށް ހުއްދަ ނުލިބިގެން ފާތުން ހުރީ ޝިހާދު ދެކެވެސް ފޫހިވެފައެވެ. އެހެނީ މާޝާ އޭނާއާ އެއް އޮފީހެއްގައި އުޅޭނަމަ ދެމީހުންނަށްވެސް ކިހާ މަޖާވާނެޔޭ އޭނާގެ ހިތަށް އަރާތީއެވެ. ވަޒީފާއެއް ހުސްވެއްޖެއްޔާ ނިކަން އަވަހަށް މީހަކު ހުށަހަޅާނެއެވެ. ދެން އަންނާނީ ކޮންކަހަލަ މީހެއްކަން ނޭނގޭތީވެސް ފާތުން ހުރީ ހިތް ހަމަ ނުޖެހިފައެވެ.

އެ ދުވަހު މާޝާ މެންދުރުވީއިރުވެސް ޝިހާދަކަށް ފޯނެއް ނުކުރެއެވެ. އެކަމަކު މެންދުރުފަހުން ޝިހާދުގެ ފޯނެއް އައެވެ.

”މި އުޅެނީ ކާރު އެކްސިޑެންޓެއް ވެގެން ގަރާޖަށް ލައިގެންނެވެ. އަދި ހެދޭނެ ދުވަހެއް ވެސް ނޭނގޭ”

-ނުނިމޭ-