English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ފަލަސްތީނު ޖާގަ ހޯދައިފިއެވެ.

ފަލަސްތީން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ 3-0 ގެ ނަތީޖާއިން ހޮން ކޮންގް ބަލިކޮށްގެންނެވެ.

މިއީ ފަލަސްތީނުގެ ފުޓްބޯޅައިގެ ތާރީޚުގައި އެ ގައުމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. ފަލަސްތީނުން މީގެ ކުރިން ދެފަހަރު އޭޝިއަން ކަޕްގައި ވާދަކުރިއިރު، މި ދެ ފަހަރުވެސް އެޓީމު ކަޓާފައި ވަނީ ގުރޫޕް ސްޓޭޖުންނެވެ. އެއީ 2015 އަދި 2019 ވަނަ އަހަރުގެ މުބާރާތުގައެވެ.

އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ފުރަތަމަ ފަހަރަށް ފަލަސްތީނުން ޖާގަ ހޯދިއިރު، ހޮން ކޮންގް ބަލިކޮށް، ގްރޫޕްގެ ތިން ވަނަހޯދައިގެންނެވެ. ހަތަރު ޕޮއިންޓާއި އެކު، ގުރޫޕުގެ ތިންވަނަ ފަލަސްތީނުން ހޯދިއިރު، އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގުރޫޕުގެ އެއްވަނަ ހޯދި އީރާން އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. އީރާން އަތުން އެޓީމު ބަލިވީ 4-1 އިންނެވެ. ޔޫއޭއީއާއި ވާދަކުރި މެޗުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.

ފަލަސްތީން ހިމެނޭ ގުރޫޕް ސީ އަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނަ ލިބުނީ އީރާނަށެވެ. އެއީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ ޔޫއޭއީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެެވެ. ފަލަސްތީނު ތިން ވަނަ އަށް ދިޔައީ ވެސް ހަތަރު ޕޮއިންޓާ އެކު އެވެ. ފުލުގައި ނިންމާލި ހޮން ކޮންގަށް ޕޮއިންޓެއް ނުލިބެ އެވެ.

ފަލަސްތިނުން ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ.

ރޭގެ މެޗު ފެށިގެންވެސް ރަނގަޅަށް ކުޅުނީ ފަލަސްތީނުންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ފަލަސްތީނުން މެޗުގެ ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ މުސްއަބް އަލް ބަތަތް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިބްރާހިމް މުހައްމަދު ދަބާއެވެ.

ފަލަސްތީންގެ ލީޑު ފުޅާކޮށްދިން ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ޒައިދު ގުންބަރުއެވެ. މި ލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސް ކޮށް ދިނީ މުސްއަބް އަލް ބަތަތްއެވެ. ފަލަސްތީންގެ ފަހު ލަނޑު، މެޗުގެ ތިންވަނަ ލަނޑު ޖަހައިދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން އިބްރާހިމް މުހައްމަދު ދަބާއެވެ.