English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި ހުރިހާ ފަރާތްތަކަށް އެ ފުރުސަތުދޭން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރަން ހުށަހެޅި ބައެއް މީހުންގެ ކެންޑިޑެސީ ބާތިލުކުރަން އެ ކޯލިޝަނުން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުންފާޅުކޮށް ޕާޓީން ވަކިވުމަށްވެސް ނިންމާފައެވެ. އަދި މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އަންނައިރު މި ނިންމުން މިހާރު ވަނީ ބަދަލުކޮށްފައެވެ.

މި ގޮތުން މިއަދު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބައެއް ފަރާތްތަކަށް ނުދޭން ނިންމާފައި ވަނީ އެ ފަރާތްތަކުން ޕީޕީއެމް އަދި ޕީއެންސީ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކުރި ކަމަށާއި ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ބުނެއެވެ.