ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަންދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފިއެވެ.
މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނައިކަން އާންމުކޮށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިހެން ވިދާޅުވެފައި މިވަނީ ގއ.ވިލިނގިލި ހޮސްޕިޓަލްގައި އޮތް ކުއްޖަކު ހާލު ގޯސްވެ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ މާލެ ގެނައުން ލަސްވުމުން ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
“ކުރިން އޮންނަ އުސޫލަށްވުރެ ފަސޭހަ އަވަސް ގޮތެއް ހެދުމަށްޓަކައި އެހޮސްޕިޓަލަކުން ޑައިރެކްޓްކޮށް ޤައުމީ އެއަރލައިނަށް އެންގީމަ ޤައުމީ އެއަރލައިންގެ އެންމެ މުހިންމު ކަމަކަށްވާނީ ޝެޑިއލް ފްލައިޓުގެ ފަސިންޖަރުން ނޫނީ ޓޫރިސްޓުން އުފުލާ އެޝެޑިއުލް ފްލައިޓު އެއަށްވުރެން އިމަރޖެންސީކޮށް އޮޕަރޭޓްކުރަންޖެހޭ ފްލައިޓަށް އުފުލުން. ކުރިން އޮންނަ އުސޫލަށް ބަދަލުގެނެސް ސަރުކާރުން ނިންމެވީ މިއަދުން ފެށިގެން އެންމެ ފުރަތަމަ ޕްރިއޯރިޓީ ދޭންޖެހޭ އެއްކަމެއްގެ ގޮތުގައި އިމަރޖެންސީ ހާލަތުގަ ދިވެހިރައްޔިތަކަށް ކަމެއްވެއްޖެއްޔާ”. ވަޒީރު އަމީން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރެއްވުންކަމަށެވެ. އެގޮތުން މާޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ބަލިމީހުން ގޮވައިގެން ދަތުރުކުރުމަށް ތަޢާރަފްކުރެވޭ އެއަރ އެންބިއުލަންސްގެ ޚިދުމަތް ތައިލެންޑާއި ހަމައަށް ފުޅާކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.