English Edition
Dhivehi Edition
ބިންވެރިޔާ ދެވަނަ ފިޔަވަހިން ބިން ދޫކުރުމަށް ހަމަޖެހިފައިވާ އުތުރު ތިލަފަޅު/ފޮޓޯ ޕީއެސްއެމް

‘ބިންވެރިޔާ’ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ބިން ލިބުނު ފަރާތްތަކަށް ހާއްސަކޮށްގެން ‘މާލެ ބިންވެރިންގެ ސައްލާ’ ގެ ނަމުގައި ހާއްސަ ސައްލާއެއް ބާއްވަން ނިންމައިފިއެވެ.

މި ސައްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރު ސަލްޓަންޕާކުގައެވެ.

މިރޭ ބާއްވާ މި ސައްލާގައި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ، މާލެ ރަށްވެހިންގެ ޖަމިއްޔާ، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު ބައިވެރިވެ، ބިންވެރިޔާ ސްކީމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެކު ބޭއްވި ބައްދަލުވުމުގައި ހިއްސާކުރި ކަންތައްތައް ބައިވެރިންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރައީސް އާއި އެކު ސުނާދު ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްވި ހާއްސަ މެސެޖު ބިންވެރިންނާ ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުރީ ސަރުކާރުން މާލޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ފެށި ބިންވެރިޔާ ސްކީމްގައި ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީވެސް ދޫކޮށްފައިވާއިރު، ހުޅުމާލެއިން ބިން ލިބުނު ފަރާތްތަކަށް ވަނީ ބިން ވަކޮށްކޮށް ގޯތި ކަނޑާދީފައެވެ.