English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

ރާއްޖެއަށް ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ދެމަފިރިންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެން މީހާއާއި އުމުރުން 20 އަހަރުގެ އަންހެނެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ މި ދެ މީހުން ރާއްޖެ އައިއިރު ގެނައި ފޮށިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ހަ ޕެކެއްޓެއް ފެނިފައިވާ ކަމަށާއި މިތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ރެސިމޭޓަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިތަކެތީގެ ބަރުދަނުގައި 994 ގްރާމް ހުރި ކަމަށް އަމުރުގައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފިރިހެންމީހާގެ ކުޑަކަމުދާ ތަކެތި ވަނީ ސީއޯސީ، ޓީއެޗްސީ އަދި ބެންޒޯއަށް ޕޮޒިޓިވްވެފައިވާއިރު ހައްޔަރުކުރި އަންހެންމީހާގެ އަތް ދަބަހުން 1،751 ޑޮލަރު ފެނިފައިވެއެވެ.

މި މައްސަލައިގައި ކޯޓުގައި މި ދެމީހުން ވަނީ މަސްތުވާތަކެތި ހުރި ލަގެޖުގައި ހުރި އަންނައުނަކީ އެމީހުންގެ އެއްޗެހިކަަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް އެ ދަބަހަކީ އެ މީހުންނާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫންކަމަށާ އެއީމީހަކު ހަވާލުކުރި އެއްޗެއް ކަމަށް ކޯޓުގައިވަނީ ބުނެފައެވެ.