English Edition
Dhivehi Edition

ޤަތަރުގައި މިހާރު ކުރިއަށް ދާ އޭއެފްސީ އޭޝިއަން ކަޕް ފުޓުބޯޅަ މުބާރާތުގައި ގުރޫޕް ޑީ ގައި ޖަޕާންއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރާއި ގާތަށް އިރާޤުން ޖެހިލައިފިއެވެ.

އިރާޤުން އެޓީމު ހިމެނޭ ގުރޫޕް ޑީގެ އެއްވަނަ މަޤާމު ހޯދައި ދެވަނަ ބުރާއި ގާތަށް ޖެހިލީ، މިއަދު ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށްގެންނެވެ.

މި މެޗުން ހޯދި މޮޅާއި އެކު އިރާޤް މިވަގުތު އޮތީ ގުރޫޕް މަރުހަލާގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިގެން ގުރޫޕް ޑީގެ އެއްވަނާގައިއެވެ.

ގުރޫޕުގެ ފުރަތަމަ މެޗުގައި އިރާޤު ބައްދަލުކުރީ އިންޑޮނީޝިއާއާއެވެ. މި މެޗު އިރާޤުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިންނެވެ.

މިއަދު ޖާޕާން އަތުން މޮޅުވުމުން އިރާޤަށް ދެވަނަ ބުރު ގާތްގަނޑަކަންހެން ވަނީ ޔަގީންވެފައެވެ. ގުރޫޕުގެ ފަހު މެޗުގައި އިރާޤު ނުކުންނާނީ ވިއެޓްނާމް އާއި ދެކޮޅަށެވެ.

މިއަދުގެ މެޗުން އިރާޤް އަތުން ބަލިވި ޖަޕާން އަށް ވެސް އަދި ދެވަނަ ބުރުގެ ފުރުސަތު އޮތް އިރު، އެޓީމުން ވެސް ގުރޫޕްގެ ފުރަތަމަ މެޗުގައި ވިއެޓްނާމް އާއި ވާދަކޮށް ވަނީ 4-2 އިން މޮޅުވެފައެވެ. ގުރޫޕުގެ ފަހު މެޗުގައި ޖަޕާން ނުކުންނާނީ އިންޑޮނީޝިއާ ދެކޮޅަށެވެ. ދެވަނަ ބުރު ކަށަވަރުކުރުމަށް މި މެޗުން މޮޅުވުން ޖަޕާނަށް މަޖުބޫރުވާނެވެ.

މުޅި މެޗުގައިވެސް ރަނގަޅަށް ކުޅެ ލަނޑުޖަހަން ގިނަ ފުރުސަތު ތަނަވަސް ކުރީ އިރާޤުންނެވެ. އެގޮތުން މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އިރާޤުން ވަނީ ލީޑުނަގާފައެވެ. އިރާޤަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ އައިމަން ހުސެއިންއެވެ. އިރާޤުގެ ދެވަނަ ލަނޑުުވެސް މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޔޫސުފް ޔަހްޔާގެ އެހީތެރިކަމާއި އެކު ކާމިޔާބުކޮށް ދިނީ އައިމަން ހުސެއިންނެވެ.

މި މެޗުގައި ޖަޕާންގެ ހަމަ އެކަނި ލަނޑު މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ވަޓަރު އެންޑޯއެވެ. އޭނާ މި ލަނޑު ޖެހީ ރިއޯ ހަޓާޓޯގެ އެހީތެރިކަމާއި އެކުގައެވެ.

މި ގުރޫޕުގައި ދެން ހިމެނޭ އިންޑޮނީޝިއާ އަދި ވިއެޓްނާމް ބައްދަލުކުރި މެޗު، 1-0 އިން ކާމިޔާބުކުރީ އިންޑޮނީޝިއާއިންނެވެ. އިންޑޮނީޝިއާ މި މެޗުން މޮޅުވި ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއެއްގައި މަންގްކުއަލަމްއެވެ.

މި މޮޅާއި އެކު އެޓީމުން ވަނީ ތިން ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނައަށް ޖެހިލާފައެވެ. މި މެޗުން ވިއެޓްނާމް ބަލިވުމުން އެޓީމަށް ދެވަނަ ބުރުގެ ފުރުސަތު ގާތްގަނޑަކަށްހެން ވަނީ ބަންދުވެފައެވެ. އެއީ އެޓީމުން މިހަތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައިވުމުންނެވެ.