ހާލު ސީރިއަސްވެގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް ހޮސްޕިޓަލުން އިހުމާލުވުމުގެ ސަބަބުން ފަރުވާ ލަސްވެ އޭނާގެ ސިއްޙީ ހާލަތު ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ ޝަކުވާ ބަލިމީހާގެ ޢާއިލާއިން ކޮށްފިއެވެ. ގއ. ވިލިނގިއްޔަށް ނިސްބަތްވާ މި ބަލިމީހާގެ ޢާއިލާއިން އޭއޯ ނިއުސްއާއި ވާހަކަ ދެއްކި މީހަކު ބުނީ އެއަންހެން މީހާ ހޮސްޕިޓަލަށް ގެންދެވުނީ ކަސްރަތު ކުރަން ހުއްޓާ ޚަބަރު ހުސްވެގެން ވެއްޓުމާ ގުޅިގެންކަމަށެވެ.
“އޭނާ ވެއްޓުމާއެކު އެމްބިއުލާންސް އަށް ގުޅިން. އެމްބިއުލާންސްގެ ޚަބަރެއް ނުވީމަ އެތަނަށް ގޮސްގެން އެމްބިއުލާންސް ހަމަޖައްސައިގެން އައިސް ބަލިމީހާ އަރުވައިގެން ގެންދިޔައީ. “
އެމީހާ ކިޔައި ދިން ގޮތުގައި ބަލިމީހާ ގެންދިޔަ ފަހުންވެސް އިތުރު ފަރުވާއެއް ނުދީ ބޭއްވި ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ނުދީ ބޭއްވުމުގެ ބަދަލުގައި މާލެ ފުރުވާލުމުގެ ހުއްދައަކަށް އެދެމުންދިޔަ ނަމަވެސް އެކަން ވެސް ހަމަޖައްސައި ދިނީ ގިނަ އިރުތަކަކަށް ފަހު ޢާއިލާއިން ވަރަށް ބޮޑަށް އަޑުއުފުލާ އިޙުތިޖާޖު ކުރުމުން ކަމަށެވެ.
“ފުރުވަން ހުއްދަދީފަވެސް 3 ފަހަރު މަތިން ގަޑި ކި. ފުރަތަމަ ބުނީ ފަތިހު ފުރުވާލެވޭނެއޭ. އޭގެ ފަހުން 8 އަށް ގަޑި ކި. އެހެން ކިޔަމުން ކިޔަމުން ގޮސް ބަލިމީހާ ފުރުވާލެވުނީ ހަވީރު 4 ޖެހިފަހުން. އަތޮޅު ހޮސްޕިޓަލުން މިކަމުގެ ޒިއްމާ ނަގަންޖެހޭނެ. ސަބަބަކީ މާ އާދައިގެ ކަންކަމުގަ ދާމީހުންނަށްވެސް އެބަހުރި ހަމަ ވަގުތުން ފްލައިޓް ޗާޓާ ކޮށްފަ ފޮނުވައިދީފަ. “
އެއާއިލާއިން ބުނީ ބަލިމީހާ ފްލައިޓަށް އެރުވިއިރުވެސް ނާރުތައް ބުރިވެ ނޭފަތުންވެސް ލޭއަންނަމުން ދިޔަ ކަމަށާއި އޭޑީކޭއަށް ގެންދިއުމުން ހެދި ޓެސްޓުތަކުން 5 ފަހަރެއްގެ މަތިން ފިޓް ޖެހިފައިވާކަން ހާމަވެފައިވާއިރު ގިނައިރުވުމުގެ ސަބަބުން ކުރަންޖެހިފައިވާ އަގުބޮޑު އޮޕަރޭޝަނަކީވެސް ކާމިޔާބު ވާނެކަމުގެ އެންމެ 30 ޕަސެންޓް އޮތް އޮޕަރޭޝަނެއްކަމަށެވެ.
މިކަމާގުޅިގެން ގއ. ހޮސްޕިޓަލުގެ މެނޭޖަރ ޝަރީފް ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ ޕޭޝަންޓް ގެނައިއިރު ވަރަށް ޙާލުދަށްކަމަށާއި އެހެންކަމުން ވަގުތުން ވެންޓިލޭޓަރާއި ގުޅިކަމަށެވެ. އެތަނުގެ ޑޮކްޓަރ ބަލިމީހާބައްލަވާ ސްޓްރޯކެއް ޖެހުނުކަމަށް ލަފާކުރާތީ އެކަން ޔަގީންކުރުމަށް ތިނަދޫ ހޮސްޕިޓަލަށް ގެންގޮސް ސްކޭން ހެދުމަށް އެދުނު ނަމަވެސް އާއިލާއިން ބޭނުންވީ މާލެ ގެންދަން ކަމުން ފުރުވާލުމުގެ މަސައްކަތް ފެއްޓެވިކަމަށެވެ.
“އާސަންދަ ހަމަޖައްސައިދީ ޗާޓަރ ފްލައިޓްގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިން . ފްލައިޓް ލަސްވުމަކީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައި އޮންނަ ކަމެއްނޫން. އައިލޭންޑް އޭވިއޭޝަނުން ފޮނުއްވީމަ އެކަން ހަމަޖެހެން އޮންނަނީ. އާއިލާއިން އެކަމުގެ ނުރުހުން ފާޅުކުރެއްވިކަމުގައިވިޔަސް އަޅުގަނޑުމެންވާނީ ހޮސްޕިޓަލުން ކުރެވެން ހުރި އެންމެ ރަނގަޅަށް އެކަމަށް އެއްބާރުލުންދީފަ “.
ޝަރީފް ވިދާޅުވީ ފްލައިޓް ފޮނުވުމުގެ ބާރު އެބޭފުޅާގެ އަތްމަތީ އޮންނަ ނަމަ އެފަދަ ޙާލަތެއްގައި އޮތް ޕޭޝެންޓެއް ފުރުވާލުމުގައި އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރައްވާނެ ކަމަށެވެ.
އޭއޯނިއުސްއިން އެދެނީ ބަލިމީހާގެ އޮޕަރޭޝަން ކާމިޔާބުވެ އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމެވެ.