ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރި އެއްވެސް މީހަކު މީހަތަނަށް ކޮވިޑް ޖެހިގެން ސީރިއަސް ވެފައެއް ނުވާކަމަށް އެ އަތޮޅުގެ ރީޖަނަލް މެނޭޖަރ ޑރ އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ރޭ އީ.އޯ.ސީ ސެޝަންގައި ބައިވެރިވެފައިވަނީ، އެ އަތޮޅުގެ ރީޖަނަލް މެނޭޖަރ ޑރ އިބްރާހިމް ދީދީ، ގއ އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ރެޖިސްޓާރޑް ނާރސް އައިޝަތު އަޒްނީޝާ ހަސަންގެ އިތުރުން ވިލިނގިލި ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދެވެ.
ވެކްސިން ފުރިހަމަ ކުރުމުގެ މުހިއްމު ކަމާއިމެދު ވާހަކަ ދައްކަވަމުން ޑރ ދީދީ ވިދާޅުވީ، ކޮވިޑް ފެސިލިޓީގައި މިހާތަނަށް ހާލުދެރަވެ އެޑްމިޓްކޮށް ނުވަތަ އިތުރު ފަރުވާއަށް މާލެ ފޮނުވާލާ މީހުންގެ މައުލޫމާތުތަކަށް ބަލާލާއިރު އެއްވެސް ގޮތަކަށް ވެކްސިން ނުޖަހާ ކަމަށާއި ނުވަތަ 2 ޑޯޒް ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޑރ ދީދީ ވިދާޅުވީ، ވެކްސިން ޑޯޒް ފުރިހަމަ ކުރާ މީހުންނަށް ވެސް ބަލި ޖެހޭ ކަމަށާއި އެކަމަކު ބޮޑުވަރު ނުވެ ބަލިން ފަސޭހަވާކަމަށެވެ. ވީ އެންމެ އަވަހަކަށް ވެކްސިން ޑޯޒް ފުރިހަމަކޮށް ބަލިން ރައްކާތެރިވުމަށް ޑރ ވަނީ އެދިފައެވެ.
ރޭ އީ.އޯ.ސީ ސެޝަންގައި ވަނީ ކޮވިޑް19 އާއި ބެހޭގޮތުން މުހިންމު މަޢުލޫމާތު ތަކެއް ފޯރުކޮށްދީފައެވެ.
އެރަށުގައި މިހާތަނަށް 65 މީހަކު ޕޮޒިޓިވެފައިވާއިރު 25 މީހަކު ވަނީ ބަލިން ރަނގަޅުވެ، އަދި އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 40 އަށް ދަށްވެފައެވެ.
ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ޚިލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.