English Edition
Dhivehi Edition

ޗައިނާގެ ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ފޫޖިއާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ޗޯ ޒު އީ އާއި، ޑެޕިއުޓީ ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ފޫޖިއާން ޕްރޮވިންސްގެ ގަވަރނަރ ޖާއޮ ލޮންގ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައދަލުކުރެއްވުމުގައި ފޫޖިއާން ޕްރޮވިންސްގެ އިތުރު ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި، ސަގާފީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން، ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމަށް ފަހު ދިވެހިރާއްޖެއާއެކު އިންވެސްޓްމަންޓްގެ ދާއިރާއިން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، އެ ޤައުމާއެކު ތަފާތު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ފުރަމާނަ ދަތުރުފުޅެއްގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވި ޤައުމަކަށް ޗައިނާ ވެގެންދިއުމަކީ ދިވެހިރާއްޖެއާއި އެ ޤައުމާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތާނގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެ، އެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ދެ ވަފުދުންވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމަށްފަހު ފޫޖިއާން ޕްރޮވިންސްގެ ލީޑަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މަރުޙަބާގެ ޖާފަތެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.