English Edition
Dhivehi Edition

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ މުޅި މަޝްރޫޢުގެ މަސައްކަތް ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. އެ މަގުގެ މަސައްކަތް އަންނަ ސެޕްޓެމްބަރުމަހަށް ނިންމާލުމަށް މީގެ ކުރިން ތާވަލުކުރިނަމަވެސް މިހާރުގެ ސްޕީޑަށް ބަލާއިރު، މި މަސައްކަތް އެއަށްވުރެ ކުރިން ނިމޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
މާލޭގެ އެންމެ މައި ދެ މަގުގެ ތެރޭގައި ހިމޭނޭ އަމީނީ މަގު، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީންނެވެ. އެގޮތުން މިހާރު އެ ކުންފުނިން ކުރަމުން އަންނަނީ މަގުގެ 4ވަނަ ސެގްމަންޓްގެ މަސައްކަތެވެ. ފުރަތަމަ 3 ސެގްމަންޓްގައި ހިމެނެނީ، ހެންވޭރުކޮޅުން ފަށައިގެން ސްޓެލްކޯއާއި ހަމައަށެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު، ސަބް ކޮންޓްރެކްޓު އުސޫލުން، މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.

އާރްޑީސީގެ ޗީފް ފައިނޭންސް އޮފިސަރ ޔާސިރު ހަސަން ވިދާޅުވި، ތާރުއެޅުމުގެ މަސައްކަތަށް ފުރަތަމަ 3 ސެގްމަންޓް ހަވާލުކޮށްފައިވަނީ، ތާރު އެޅުން ފިޔަވާ އެހެން ހުރިހާ މަސައްކަތެއް އާރްޑީސީން ނިންމުމަށްފަހުގައިކަމަށެވެ. އަދި މިގޮތަށް އެމްޓީސީސީއާ ތާރުއަޅަން ސަރުކާރުން ހަވާލުކުރީ، މިހާރު ނިމިފައިވާ ސަރަޙައްދުތައް އާއްމުންނަށް ހުޅުވާލުން އަވަސްކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ހުކުރު ދުވަހު އެމްޓީސީސީން މަސައްކަތް ވަނީ ފަށާފައެވެ. ފުރަތަމަ 3 ސެގްމަންޓަކީ 350މީޓަރުގެ މަގުގެ ސަރަޙައްދެވެ. މި މަސައްކަތުގައި 2511އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅާނެކަމަށް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ރަމްޒީ ވިދާޅުވިއެވެ.

މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ، 13 ސެގްމަންޓަކަށް ބަހާލައިގެނެވެ. އާރްޑީސީން މަޢުލޫމާތު ދިން ގޮތުގައި މަގުގެ ބާކީ ސަރަޙައްދުތަކުގައި ތާރު އަޅާނީ އެ ކުންފުނިންނެވެ.