English Edition
Dhivehi Edition
ފޮޓޯ:އާރްޑީސީ

ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ ޖުމްލަ 14 މަގެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު ވިދާޅުވީ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެން ދިޔަ ފަހުން މިއަދާ ހަމައަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަމަށެވެ. މިގޮތުން އީ.އައި.އޭ އާއި ޓޮޕޮގްރަފިކް އަދި ޔޫޓިލިޓީ ސަރވޭ އާއި، ޖިއޯ ޓެކްނިކަލް އަދި ހައިޑްރޯލޮޖިކަލް ސަރވޭއާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދެވުނުކަމަށް މޫސާ އަލި މަނިކު ވިދާޅުވިއެވެ.

ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ކާރބް ސްޓޯން ޖެހުމުގެ %90 ނިންމާ މުޅި ޕްރޮޖެކްޓަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ތައްޔާރުކޮށް، ކޭބަލް ޖަންކްޝަންތަކާއި ޕައިޕްލައިންތައް އެޅުމުގެ މަސައްކަތުގެ %95 ވަނީ ނިމިފައެެވެ.

ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ސަރުކާރުން އާރް.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ 8 އޭޕްރީލް 2021 ގައެވެ.